19 Jun 2024

ފޯނާނުލައި އުޅެވޭނެ، އެޑް ޝިރަން މި އުޅެނީ އެހެން

ފޯނާނުލައި އުޅެވޭނެ، އެޑް ޝިރަން މި އުޅެނީ އެހެން

އަބަދު ފޯނު ހިފައިގެން ނޫޅެ މި ޒަމާނުގައި ފަރުޖެއްސޭނެ ގޮތެއް ނޯންނާނެ ކަމަށް ކޮންމެ މީހަކުހެން ބުނާނެ އެވެ. އެކަމަކު ދުނިޔޭގެ އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ އަދި މިއުޒިޝަން އެޑް ޝީރަން މި ބުނަނީ އެހެން ވާހަކައެކެވެ.

ފޯނު ގެންގުޅޭ ނަމަ އުޅެންޖެހޭނީ ސަލާމަތްނުވެގެން ކަމަށް އޭނާ ބުންޏެވެ.

"އަހަންނަށް ހީވަނީ ފޯނެއް އޮތިއްޔާ ގުޅައި މެސެޖު ކުރާހާ މީހަކަށް ޖަވާބު ދޭން ޖެހޭނޭ. ޖަވާބު ދީފިއްޔާ އެކޮޅުން ކޮންމެވެސް އެއްޗެއް ބުނާނޭ. ދެން ނޭނގި ހުއްޓާ ހުންނާނީ ސާޅީހަކަށް ވާހަކަ ދެއްކި ބައިވަރު ވަގުތުތަކެއް ގެއްލޭނެ. އަނގައިން ނުބުންޏަސް ވަރަށް ހުތުރު ކަމަކަށް ވާނެޔޭ ހިތަށް އަރަނީ،" މިއީ އެޑް ޝީރަން ފޯނު ނުގެންގުޅޭ ސަބަބާ ބެހޭ ގޮތުން ޕޮޑްކާސްޓެއްގައި ސުވާލުކުރުމުން ބުނި ވާހަކަ އެވެ.

"ތެރަޕަސް ވިތު ފޭކް ޝޭން" ނަމަކަށް ކިޔާ މި ޕޮޑްކާސްޓުގެ ހޮސްޓް، އެޑް ޝީރަންގެ ނަންބަރު އެހުމުން ފޯނެއް ނުގެންގުޅޭ ކަމަށާއި މީހުންނާ މުއާމަލާތުކުރަނީ އީމެއިލުން ކަމަށް ބުންޏެވެ. އޭނާ ބުނީ 2015 ގެ ޑިސެމްބަރުން ފެށިގެން ފޯނެއް ނުގެންގުޅޭ ކަމަށާއި މިހާރު މާ ބޮޑަށް ފަސޭހަ ކަމަށެވެ.

މިފަދަ މަޝްހޫރު ތަރިއަކަށް ފޯނާ ނުލައި އުޅެވޭ ނަމަ މިއީ އަހަރެމެންގެ ތެރޭގައި ތިބި ސޯޝަލް މީޑިއާ އަދި ފޯނަށް ދެވި ހިފާފައި ތިބޭ އެތައް ބަޔަކަށް ލިބޭނެ ގަދަ ހިތްވަރެކެވެ.

ފޯނެއް ކޮންމެހެން ވެސް ގެންގުޅެން ޖެހެޔޭ ހީވާ ހީވުން ބަދަލުކޮށްލަން އެޑް ޝީރަންގެ ހުރިހާ މަސައްކަތެއް ބަދަލުކޮށްލީ އައިޕެޑަކަށެވެ. އޭނާ ބުނީ އައިޕެޑުން ހަފްތާއަކު އެއް ފަހަރު ހުރިހާ އީމެއިލްތަކެއް ބަލައިލުމުން ފުދޭކަމަށެވެ. އަދި ވީޑީއޯއެއް ނަގަން ވެއްޖެ ނަމަ ކައިރީގައި ހުންނަ ޓީމް މެންބަރެއްގެ ފޯނުން ނަގަނީ ކަމަށް ބުންޏެވެ.

އީމެއިލުން މީހުންނާ މުއާމަލާތް ކުރުމުގައި އޮތް އެންމެ ބޮޑު އެއް ފައިދާ އަކީ މި މެއިލް ލިބޭ މީހުން ވަގުތުން ވަގުތަށް ޖަވާބު ދޭނޭ ހިތަށް އަރުވައިގެން ނުތިބުމެވެ.

މި ކަމުން ލިބިގަންނަން ޖެހޭ އެންމެ ރަނގަޅު އެއް މެސެޖަކީ ފޯނާ ނުލައި އުޅުމުން ފޫހިވާން ވަގުތު ލިބުމެވެ. އެޑް ޝިރަންގެ އެންމެ ރީތި ލަވަތަކާއި ލިރިކްސްތައް ހަދާފައި ހުންނަނީ މިކަހަލަ ވަގުތުތަކުގައި ފޫހިވާން ފުރުސަތު ދީގެން އާ ހިޔާލުތަކާ އެއްކޮށް މަސަތްކަތް ކުރަން ފަށައިގެންކަން އޭނާ ފާހަގަކުރި އެވެ.

"މޮޅު ކްރިއޭޓިވް އެއްވެސް މަސަތްކަތެއް ނުކުރެވޭނެ އަބަދު ކަނެކްޓުވެގެން ތިބިގެނެއް. ފޫހިވާ ކޮންމެ ފަހަރަކު ފޯނު ނަގައިގެންނެއް."

މި ޓެކްފްރީ ލަވަކިއުންތެރިޔާގެ ވާހަކައިން ފިލާވަޅެއް ލިބިގަނެ އާ ޕްރޮޖެކްޓުތަކުގައި މަސަތްކަތް ކުރުމަށާއި ފޫހިިވާން ފުރުސަތު ދީގެން ޑިޖިޓަލް ކްލެންސަކަށް ދާން ބޭނުންވާ މީހުންނަށް ހިތްވަރެއް ލިބޭނެކަމަށް ހީކުރަމެވެ.

މޮބައިލް ފޯން

Popular