29 Jun 2024

ޝިއުނާ ބޭނުންވަނީ އެ ޒުހުދާ އާއި ވާހަކަ ދައްކައިގެން ކޮންމެވެސް ގޮތަކުން އޭނާގެ ކާފަގެ ހާލު އަހުވާލު އޮޅުން ފިލުވޭނެ ގޮތެއް ހޯދުމެވެ.

އެދުވަހު ހަވީރު ހަތަރެއް ޖެހިއިރު ޝިއުނާ އާއި އަޒީމާ ތިބީ ވިލިނގިލީ ފެރީގައެވެ. ފެރީއަށް އެރިގޮތަށް ހައިޝަމްއަށް ގުޅޭތޯ ޝިއުނާ އުޅުނެވެ. އޭނާގެ ފޯނަށް ނުގުޅުމުން އެވާނީ ހަނިމާދޫ އަށް ނައްޓާލީ ކަމަށޭ އޭނާގެ އެކުވެރިޔާ ގާތު ބުނެލިއެވެ. އަދި ހައިޝަމްއަށް މެސެޖެއް ލިޔަން ފެށިއެވެ. ހުރިހާ ތާކަށްވެސް ދަނީ ހައިޝަމް ކައިރީ ބުނެ ހުއްދަ ހޯދައިގެންތޯ އެވަގުތު އަޒީމާ އަހާލިއެވެ.

"އުނހޫ.. އެހެނެއްނޫން އެކަމު ބުނެލުން އޯކޭ އެއްނު!" ޝިއުނާ ޖަވާބު ދިނެވެ.

"ކީއްކުރަން.؟.. އެއީ ކީ ފިރިމީހާއެއް ނޫނޭ އަދި.... ޝިއު ތިއުޅެނީ މާ ވަރުންނޭ... އެހެން ނަހަދަބަލަ!". އަޒީމާ ބުންޏެވެ. އަދި ހައިޝަމް ވެސް ބޭނުންތާކަށް ގޮސް ބޭނުން ގޮތަކަށް އުޅޭ އިރު ޝިއުނާއަށް ވެސް އެ މިނިވަންކަން އޮންނަންވާނެ އެއްނޫންހޭ އޭނާ ބުނެލިއެވެ.

ކުރީރެއަކު ހައިޝަމް ސައިކަލު ފަހަތަށް އަންހެން ކުއްޖަކު ލައިގެން ދަނިކޮށް އަޒީމާއަށް އޮތީ ފެނިފައެވެ. އިއްތިފާގުން އެމިހުންނަށް އާދެވުނީ އަޒީމާއާއި ނަޝީދު ކުރުނބާ ބޯން ތިބި ގާޑިޔާ ކައިރިއަށެވެ. އޭނާއަށް އަޒީމާ ފެނުމުން އެތަނަށް މަޑު ނުކޮށް ދިޔައީއެވެ. ވަގުތުން އަޒީމާ ޝިއުނާއަށް ގުޅިއެވެ. ހައިޝަމް އާއި އެކީ ގާޑިޔާ ކައިރިއަށް އަންނާށޭ ބުނުމުން ހައިޝަމް ވަރަށް ވަރުބަލިވެގެން ނިދަން ޖައްސާލަނީ ކަމުގައި އޭގެ ގަޑިއެއްހާއިރު ކުރިން ބުނިކަމަށް ޝިއުނާ ކިޔައިދިނެވެ. އަޒީމާ ވިސްނާލިއެވެ. ހައިޝަމް ޝިއުނާއަށް ތެދުވެރި އެއް ނޫންކަން އޭނާއަށް ހަމަ ޔަގީނެވެ. އެހެންނަމަވެސް އޭނާގެ އެކުވެރިޔާގެ ރިހޭ ފައިމައްޗަށް ފޮއެ ވައްޓާލާކަށް އަޒީމާއަކަށް ހަމަ ނުކެރޭނެއެވެ.

ޝިއުނާ ލިޔުނު މެސެޖް ނުފޮނުވާން ނިންމާ ފޮހެލިތަން އަޒީމާއަށް ފެނުނެވެ. ޝިއުނާ ބަލާލާފައި ހިނިތުންވެލަމުން ފޯނު އަތްދަބަސް ތެރެއަށް ލިއެވެ. ފެރީ ނައްޓާލުމުން ދެމީހުންވެސް އަމިއްލަ ޚިޔާލަށް ގެއްލިފައި ދުރުބަލަން ތިބީއެވެ.

"އޭތް! އިހަށް ނުބަލާތި އިނގޭ.. އެކަމަކު އެ ފަރާތުގައި އޭނީނުން ކަޅު ޓީޝާޓެއް ލައިގެން އިން ކުއްޖެއް، އޭނަ ވަރަށް ބަލާ އެބަ ޝިއުއަށް" ޝިއުނާ ގައިގަ ކޮއްޓާލަމުން އަޒީމާ ސިއްރު ސިއްރުން ބުނެލިއެވެ. "ދެންމެވެސް އެ ބަލާލީ... އަހަރެން ބަލަން އިނީމާ ނޭނގޭ ކަމަށް ހަދާފައި އޮޅުވާލީ!" ނޫންކަމަށް ހަދާފަ އޭނާގެ ފޯނަށް ބަލަހައްޓައިގެން އިނދެ، އަޒީމާ ވާހަކަ ދެއްކިއެވެ.

އޭރު ޝިއުނާއަށް ވެސް އެ ފިރިހެން ކުއްޖާ ފާހަގަ ކުރެވިއްޖެއެވެ. ހައިޝަމްއަށް ވުރެ ހިކި ހަމަ އެވަރުގެ އިސްކޮޅެއްގެ ވެރި ޒުވާނެކެވެ.

" ހޫމް މަށަށްވެސް ތިކަން ފާހަގަ ކުރެވިއްޖެ .. އެކަމަކު އޭނާ މިދިމާލަށް އެބަލަނީ އަޒީމާއަށް މަށަކަށް ނޫން!" ޝިއުނާއަށް މަޖާވިއެވެ.

"ލޯބި މަތިމަސް ކޮޅެއް!.... ބަލާބެލުމަށް ކަމުދާނެ ހެން ހީވަނީ... އެކަމަކު ހައިޝަމް ވަރެއް ނޫންދޯ! އަޒީމާ އަށް ތަންކޮޅެއް ބާރަށް ބުނެލެވުނެވެ.

"ސާބަސް! އޭނާއަށް އެނގިދާނެ އޭނާގެ ވާހަކަ ކަން އަހަރުމެން މިދައްކަނީ" ޝިއުނާ ކަންބޮޑު ވިއެވެ. އެކަމަކު އަޒީމާ ހީގަތީމާ ޝިއުނާއަށް ވެސް ހެވުނެވެ.

"މޭމަތީގައި ޖަހާފައި 'ލީވައިސް' އެތަންކޮޅު މިހާރު ހައެއްކަ ފަހަރު ކިއިއްޖެ... އިދިކޮޅަށް ކިޔޭތޯވެސް އުޅެފިން!" ޝިއުނާ ހުނުމުގެތެރެއިން ވާހަކަ ދެއްކިއެވެ. އެހިނދު ކުރިއަށް ވުރެވެސް ބާރަށް ޒުހުދާއަށް ހެވުނެވެ. ޝިއުނާ ވައްކަޅިން ބަލާލިއިރު އެ ޒުވާނާ އިނީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ޝިއުނާއަށް އަވަސް އަވަހަށް އިސްދަށަށް ޖަހާލެވުނެވެ.

"މަ ދެން އެދިމާލަކަށް ނުބަލާނަން! ޔަގީން އޭނާއަށް އިނގޭނެ!" ޝިއުނާ އެހެން ބުނަމުން އޭނާ އިން ދިމާލުން ބޭރު ބަލަން ފެށިއެވެ. ވިލިނގިއްޔާއި ހަމައަށް ދެވުމާއިއެކު އެންމެ އަވަހަށް ފައިބަން ތެދުވި މީހުންގެ ތެރޭގައި އެ ޒުވާނަ ހިމެނުނެވެ. އޭނާ ދަމުން ޝިއުނާއާއި އަރާ ހަމަ ވެފައި ކުޑަކޮށް ހިނިތުންވެލިއެވެ.

"ކޮބާ މަބުނީމެއްނު!"

"ޝްޝް!" ޝިއުނާ އަވަސް އަވަހަށް އަޒީމާ ހުއްޓުވިއެވެ. އެވަގުތު އަޒީމާ ތެދުވިއެވެ. ޝިއުނާއާއި ދިމާލަށް ހިނގާށޭ ބުނަމުން އެ ފިރިހެން ކުއްޖާގެ ފަހަތުން ކަހަލަ ގޮތަކަށް ހިނގައިގަތެވެ.

"އަދި އޭނާ ކައިރީ ޒުހުދާ އުޅޭ ގެއަށް ދާނެ ގޮތް އޮޅުން ފިލުވާނަމޭ ހިތާ މިހިރީ" އެ ޒުވާނާ އާއި އެމީހުންނާއި ދެމެދަށް ދެތިން މީހުން ވަދެ، ރަށަށް ފައިބަން އޮތް ކިޔުގެ ތަންކޮޅެއް ފަހަތަށް ޖެހެވުމުން އަޒީމާ ބުނެލިއެވެ.

"ކިހާ ދެރަ!" ޝިއުނާވެސް މަޖާވެލާފައި ޖަވާބު ދިނެވެ. އޭރު އޭނާ ފައިބައިގެން އެހެންމީހަކާ ވާހަކަ ދައްކަމުން ހިނގައިގަނެފިއެވެ.

އެމީހުންނަށް ޒުހުދާ އުޅޭ ގެއާއި ހަމައަށް ދެވުނީ ހިނގާ ހިނގާ މުޅިން ދާ ހިތްލާ ފޯވި ފަހުންނެވެ. އަޒީމާ ޝިއުނާ ތަޢާރަފު ކޮށްދިނެވެ. އަދި ވެގެން އުޅޭގޮތް ޝިއުނާ ކިޔައިދީފައި، ޝިއުނާގެ ކާފައާއި ބެހޭ މައުލޫމާތު ހޯދައިދިނުމަށް ޒުހުދާ ކައިރިން އެދުނުވެ.

"ފަހަރެއްގައި ބައްޕަމެންނަށް އެނގިދާނެ ކަންނޭނގެ!" ޒުހުދާ ބުނެލިއެވެ. އަދި ވީހާވެސް އަވަހަކަށް ތިކަން ކޮށްދެވޭތޯ ބަލާނަން ކަމުގައި ބުނެލިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ޒުހުދާ ގުޅިއެވެ. ޒުހުދާގެ ބައްޕައަށް އިބްރާހިމްބެ އެނގެއެވެ.

"އެކަމަކު ބައްޕައަށް ދިމާވީ މީގެ ހައެއްކަ އަހަރު ކުރިންނޯ" ޒުހުދާ ކިޔައިދިނެވެ. އަދި މިހާރުވެސް އެރަށުގައި އޭނާ އުޅޭތޯ ބަލައިދޭނަން ކަމުގައި ޒުހުދާގެ ބައްޕަ ބުނި ވާހަކަ ބުނުމުން ޝިއުނާ ވަރަށް އުފާވިއެވެ.

"ބައްޕަ ބުނީ އެރަށަށް ހިޖުރަ ކުރީ އޭނާގެ ދަރިފުޅު މަރުވީމައޭ..!"
 "އެއީ ތެދެއް" ޝިއުނާ އެހެން ބުނިއިރު، އޭނާގެ މަންމަ މަތިން ހިތަށް އަރާ ކުޑަކޮށް ދެރަވެ ފެންކަޅިވާގޮތް ވެއްޖެއެވެ. އަޒީމާގެ ފޯނު އަނބުރާ އަޒީމާ އަތަށް ދިނުމަށް ފަހު، އޭނާ ތެދުވެގެން ދިޔައީއެވެ.

ޝިއުނާ ގޮސް ފާޚާނާއަށް ވަދެހުރެ ލޮލުން ފޭބި ކަރުނަ ފޮހުނެވެ. އޭނާގެ އުފަން މަންމައާއި މެދު ވިސްނަމުން ދިޔަވަރަކަށް މަންމައާއި ބެހޭ އިތުރު މައުލޫމާތު އޮޅުން ފިލުވާހިތް ވަމުން ދިޔައެވެ. އަޅެ އޭނާގެ ކާފަ ދެކިލަން ދެވޭނެނަމޭ ހިތަށް އަރަން ފެށިއެވެ.

"ޝިއު ކާފަ އަކީ ވަރަށް މަޑުމައިތިރި މީހެކޯ... ޒުހު ބައްޕައާއި ވެސް މުޅިން ދިމާވެފައި ހުރީ މިސްކިތުންނޯ" ޝިއުނާ އެނބުރި އައުމުން ޒުހުދާ ދެއްކި އިތުރު ވާހަކަތައް އަޒީމާ ކިޔައިދިނެވެ.

އެހިސާބުން ޝިއުނާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާގެ ބައްޕަ ބުނިގޮތަށް ކާފައަކީ އެހާ ގޯސް މިހެން ނޫންތާއޭ އޭނާގެ ހިތަށް އެރިއެވެ. ޝިއުނާ ގެއަށް އައިގޮތަށް އެހުރިހާ ވާހަކައެއް އޭނާގެ މަންމައާއި ހިއްސާ ކުރިއެވެ. އަދި އޭނާގެ ކާފައަކީ ބައްޕަ އެބުނުއްވާ ހާ ގޯސް މީހެއް ނޫންކަންނޭނގެއޭ ވެސް ބުނެލިއެވެ.

އެދުވަހު ހަވީރު ގަޑީގައި ހަނީފު ގެއަށް އައިސް ޝިއުނާ ހޯދާފައި ކާފަ ހުރީ ކޮން ރަށެއްގައި ކަން ބުނެދިނެވެ. އެއާއި އެކު އަޅުގަނޑަށްވެސް ތިކަން އިނގިއްޖެޔޭ ޝިއުނާ ބުނެލިއެވެ. އަދި އޭނާގެ ކާފައާއި ބެހޭގޮތުން ޒުހުދާގެ ބައްޕަ ބުނި ވާހަކަތައް އޭނާގެ ބައްޕައަށް ކިޔައިދިނެވެ.

"ކާކު ދަރިފުޅަށް ކިޔައިދިނީ؟" ހަނީފު ކުއްލިއަކަށް ކަންބޮޑުވިއެވެ.

ޝިއުނާ ކިޔައިދިނެވެ. ޒުހުދާމެން ރަށުން ވިއްސަކަށް މިނެޓުން އެރަށަށް ދެވޭނެ ވާހަކައަށް ދަންދެންނެވެ.

"ބައްޕާ ކިހިނެތްތޯ ވާނީ އަޅުގަނޑު ޒުހުދާއާއި އެކީގާ އޭނާގެ ރަށަށް ދިޔައިއްޔާ؟ ކާފާ ދެކިލާފައި އެނބުރި ޒުހުދާމެން ރަށަށް އަންނާނީ؟" ޝިއުނާ ވަރަށް ޖެހިލުންވެ ހުރެ ޚިޔާލު ދިނެވެ.

"ނޫން ދަރިފުޅާ! ބައްޕައަކަށް ނުކެރޭނެ ދަރިފުޅު އެކަނި ފޮނުވާކަށް...މަޑުކުރޭ! އީދުގެ ފަހުން ބައްޕަ ހިނގައިދާނަން ދަރިފުޅު ގޮވައިގެން!" ހަނީފު ބުނެލިއެވެ.

"އަސްލުވެސްތަ؟" ޝިއުނާއަށް ލިބުނު އުފަލެއް ބުނެދޭންވެސް ނޭނގުނެވެ. ވަގުތުން އޭނާގެ ފޯނު ނަގާ ކަލަންޑަރު ބަލަން ފެށިއެވެ. ބޮޑު އީދު އަންނަން މަހަކަށް ވުރެވެސް ގިނަދުވަސް އޮތެވެ.

"އަލީ ރަޝީދު ބުނި ހުކުރު ދުވަހު އެރަށަށް ދެވޭތޯ ބަލާނަމޭ... އޭނާވެސް މިހާރު އިންޖީނު ގޭގައި އުޅޭތީ ކޮންމެ ކޮންމެ ދުވަހަކު ނުދެވޭނެ... ބައްޕަ މި ވިސްނަނީ އަލީ ރަޝީދު އަތުގައި ކާފައަށް ލާރިކޮޅެއް ފޮނުވަން، އޭރުން އޯކޭ ވާނެއެއްނު!"

"ތެންކިޔޫ ބައްޕާ!" ޝިއުނާގެ އުފާވެރިކަން އިތުރުވެގެން ދިޔައެވެ.

"ބައްޕައަށްވެސް އިނގޭ ކާފައަށް އަޅާލާނެ އެހެންމީހަކު ނެތްކަން... މީގެ ފަހުން ކޮންމެ މަހަކުވެސް ބައްޕަ އެހީވާނަން ... އެއީ ދަރިފުޅުގެ ފަރާތުން ދޭ އެއްޗެއް" ހަނީފުގެ ނިންމުން އޭނާގެ ދަރިފުޅަށް އޮޅުން ފިލުވައިދިނެވެ.

ޝިއުނާ ކޮޓަރިއަށް ދިޔުމުން ހަމަ އަސްލުގައިވެސް އެރަށަށް ދާންހޭ ތި ނިންމީ ހުސްނާ އަހާލިއެވެ. އެހިނދު ހަނީފު ނޫނެކޭ ބުނަން ބޯ ހޫރަލިއެވެ. އެއީ އެމަންޖެ ހިތްހަމަ ޖައްސާލަން ބުނި އެއްޗެއްކަމުގައި ބުނެލިއެވެ. އެހިނދު ހުސްނާ ހިތްހަމަ ނުޖެހުނެވެ. ދޮގުހަދާކަށް ނުވާނެ އެއްނޫންހޭ ބުނެލިއެވެ.

"ވަގުތު ޖެހުނީމާ އަނެއްކާވެސް ކޮންމެވެސް ބަހަނާއެއް ހޯދާނީ.... އޭގެ ކުރިން އެ ބޭގަނޑު މަރުވެސް ވެދާނެ އެއްނު!"

"ސާބަސް ހަނީފުއަށް! ކިތަންމެ ގޯސް މީހަކާ ދޭތެރޭވެސް ތިކަހަލަ އެއްޗެތި ހިތަށް އަރުވާކަށް ނުވާނެ!"

"ހުސްނާ ބުނަން ވާހަކައެއް؟ މީގެ ތެރެއަށް ނުވަދެފާނަންތަ؟ ތިކަމާ ސިކުނޑި ގާނަ ގާނާފަ އެހެންކަމެއް ކުރެވޭވަރެއް ނުވޭ މިހާރު... އެހެންވީމާ އެކަމާ ބެހޭގޮތުން ދެން އަހަރެންކައިރީ ވާހަކަ ނުދައްކަ ބަލަ އިނގޭ!"

އެއަކަށް ހުސްނަ ޖަވަބެއް ނުދިނެވެ. ހަނީފު ހިތްހަމަ ނުޖެހުނުކަން އެނގުނީމާ އިތުރަށް ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ.

"ރުޅިއައިސް ގެނެއްނޫން މިހެން މިބުނީ... އެކަމަކު...."

"އޯކޭ... ދެން މަށެއް ނުދައްކާނަން!" އެވަގުތު ހުސްނާ ބުނެލިއެވެ.

***

އެރޭ ހައިޝަމް ވީ އައްޑޫގައެވެ. އޭނާއަށް އެނބުރި އާދެވޭއިރު ހުންނާނީ ވަރަށް ލަސްވެފައެވެ. ޝިއުނާ އާއި ދިމާވާކަށް ނާންނާނެއެވެ. އެހެންކަމުން ޝިއުނާ ނިންމީ އަޒީމާ އާއި އެކީގައި ބޭރަށް ނުކުމެލާށެވެ. އޭނާ ރީތިވާން ހުއްޓާ ނަތާ ގުޅިއެވެ.

"ޝިއު ދަންނަންތަ މާހުނާޒް ކިޔާ ކުއްޖެއް؟" ނަތާ އެންމެ ފުރަތަމަވެސް ކުރީ އެސުވާލެވެ.

ޝިއުނާ ނުދަންނަމޭ ބުނުމުން އޭނާގެ ފޭސް ބުކް ޕުރޮފައިލް ފޮޓޯ ނަތާ ފޮނުވިއެވެ. އެ ފޮޓޯގައި ވަނީ މޯލްޑިވިއަން ކުރޫ ޔުނިފޯރމްގައި ހުރި ރީތި އަންހެން ކުއްޖެކެވެ.

"ނުދަންނަން ... ކިހިނެތްވީ އަނެއްކާ؟" ފޮޓޯ ބަލާލާފައި ޝިއުނާ އަހާލިއެވެ.

އެއާއިއެކު ނަތާ އަނެއްކާވެސް ފޮޓޯ ތަކެއް ފޮނުވިއެވެ.

"ޗެކް ދަ ފޮޓޯސް!" އޭނާ ބުނެލިއެވެ.

ޝިއުނާ އެ ފޮޓޯތައް ހުޅުވާލިއެވެ. އޭގާއި ހުރީ ހައިޝަމްގެ ބާތުޑޭ ފާހަގަކޮށްފައިވާ ފޮޓޯ ތަކެކެވެ. އެކި ކުދިން ގެ އަނގަޔަށް ހައިޝަމް ކޭކު ލަވަން ހުރި ފޮޓޯތަކެކެވެ. އެއީ ޝިއުނާއަށް ހައިޝަމްގެ ފޯނުން ފެނިފައިވާ ފޮޓޯތަކެކެވެ. ދެން ފޮނުވާފައި އޮތް ފޮޓޯގައި ރަތް ކުލައިން ބޮޅެއް އަޅާފައި އިނެވެ. ޝިއުނާ އެ ފޮޓޯ ބޮޑުކޮށްގެން ބަލާލިއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular