1 Jul 2024

By: Aishath Mihna Nasih

ބްރޭކަޕަށް ފަހު ކުރިއަށް ދިއުމަކީ ގޮންޖެހުންބޮޑު އަދި ނަފްސާނީ ގޮތުން އުނދަގޫ ދަތުރަކަށް ވެދާނެ އެވެ. ނަމަވެސް އެ ހިތްދަތިކަމުން އަރައިގަނެ އަމިއްލައަށް ދިރިއުޅުމައިގެން ކުރިއަށްދިއުމަކީ ކޮންމެވެސް ދުވަހަކުން އަޅަންޖެހޭނެ މުހިންމު ފިޔަވަޅެކެވެ. މިފަދަ ކަމެއް ތަހައްމަލު ކުރަމުންދާ ނަމަ މި ހިމަނާލަނީ ކުޑަ އެހީއެކެވެ.

އިހްސާސްތައް ބަލައިގަތުން

އެންމެ ފުރަތަމަ، ބްރޭކްއަޕާއެކު އަންނަ އިހްސާސްތައް ކަމަށްވާ ހިތާމަ އާއި ރުޅިވެރިކަމާއި އޮޅުންބޮޅުން ނުވަތަ ހިތްހަމަޖެހުން ފަދަ ހުރިހާ އިހުސާސްތަކަށް ވެސް ފުރުސަތު ދިނުން ވަރަށް މުހިންމެވެ. މި އިހުސާސްތައް ހިފެހެއްޓުމުގެ ބަދަލުގައި ގަބޫލުކުރާށެވެ. ހަޔާތުގެ މުހިންމު މަގާމެއް ފުރަމުން ދިޔަ މީހަކު ވަކިވުމަކީ ފަސޭހަ ތަޖުރިބާއަކަށް ނުވާނެ އެވެ. އެއީ ތި ނިންމާލި ގުޅުމުން އަރައިގަތުމުގެ ފުރަތަމަ މަރުހަލާއެވެ.

ސެލްފް ރިފްލެކްޝަން

ނިމިދިޔަ ގުޅުމާއި އޭގެ ނިމުމާ މެދު ވިސްނާލަން ވަގުތު ނަގާށެވެ. މި ތަޖުރިބާގެ ޒަރިއްޔާއިން އަމިއްލަ ނަފްސާއި ތިމާގެ ބޭނުންތަކާއި ތިބާގެ ބައުންޑަރީތަކާ ބެހޭގޮތުން ދަސްކުރެވިފައިވާ ކަންކަމާ މެދު ވިސްނާލާށެވެ. މި ކަންކަން ދެނެގަތުމަކީ މުސްތަގުބަލުގައި އޮންނަ ގުޅުންތަކުގައި ކުރިއެރުމާއި ރަނގަޅު ގޮތްތަކެއް ކަނޑައެޅުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިސާލަކަށް، އެ ގުޅުމެއް ތިމާއަށް ކަމުނުދިއައީ ބައިވެރިޔާ މާ ބޮޑަށް ހިފަހައްޓައިގެން ގެންގުޅޭތީ ނުވަތަ ވަގުތު ނުދޭތީ ނުވަތަ އަބަދު "ތަތްވެފައި" ހުންނާތީ ކަމުގައިވާ ނަމަ ދެން ދިމާވާ ބައިވެރިއަކާ އެކު އެކަންކަން ވިޔަ ނުދޭނީ ކިހިނެއްތޯ، ކޮން ހިސާބަކުންތޯ ވިސްނާލުން ރަގަޅެވެ.

ބައުންޑަރީތައް ގާއިމުކުރުން

ކުރީގެ ބައިވެރިޔާއާ އެކު ބައުންޑަރީތައް ކަނޑައަޅައި، "ހީލް" ވާން ދިނުމަކީ ވެސް ވަރަށް މުހިންމުކަމެކެވެ. އޭގެ ތެރޭގައި ވަކިން ހާއްސަކޮށް ދެ މީހުން ވަކިވެގެން އުޅޭ ފުރަތަމަ ދުވަސްކޮޅު، ވީހާ ވެސް ބޮޑަށް ގުޅުން މަދުކުރުން، ނުވަތަ އުޅޭނޫޅޭގޮތް ބަލައި، ސޯޝަލް މީޑިއާ ހޭވުމުން ދުރުހެލިވުން ހިމެނެ އެވެ. ސަބަބަކީ، އެ ބައިވެރިޔާގެ އަޕްޑޭޓްތައް ނުވަތަ ރިމައިންޑާތައް ފެނުމުން އެ "ބްރޭކްއަޕް" އަކުން އަރައިގަންނަން ދިގުލައިގެން ދާނެތީ އެވެ. އަދި އެ މީހެއްގެ ދުވަސްތައް ވޭތުކުރަމުންދާގޮތަކުން އިތުރު ހިތްދަތިކަމެއް ލިބިދާނެތީ އެވެ.

އެހީތެރިކަން ހޯދުން

މިފަދަ ދަނޑިވަޅެއްގައި ތިމާގެ ނިންމުންތަކަށް ފާޑުކިޔުމަކާނުލައި އަޑުއަހައި ހިތްހަމަޖެހުން ގެނެސްދޭނެ ރަހުމަތްތެރިންނާ އާއިލާގެ އެހީތެރިކަން ހޯދާށެވެ. ތިމާގެ އިހުސާސްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ތެރަޕިއުޓިކް ކަމެކެވެ. މިފަދަ އެހީތެރކަމެއް ލިބެން ނެތް ނަމަ، އަދި އިހުސާސްތައް މާ ދިގުލައިގެން ދާ ނަމަ ކަމާބެހޭ މާހިރެއްގެ ލަފާ ހޯދުން މުހިންމެވެ.

ސެލްފް ކެއާއަށް ފޯކަސް ކުރުން

ޖިސްމާނީ، ނަފްސާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދޭ ސެލްފް ކެއާ ހަރަކާތްތަކަށް ވަގުތު ހޯދުމަކީ މިފަދަ ދުވަސްކޮޅެއްގައި މުހިންމުކަމެކެވެ. ތިމާ އުފާވާ އަދި ތިމާއަށް ހިތްހަމަޖެހުން ލިބިދޭ ކަންކަމަށް އިސްކަން ދޭށެވެ. ކިތަންމެ ކުޑަކަމަކުންވެސް އަމއްިލަ ނަފްސާއި ދިރިއުޅުމާއިމެދު ތިދެކޭ ގޮތަށް ހެޔޮ ބަދަލެއް އައިސްދާނެއެވެ. ކޮންމެ އުފަލަކީ އަނެކުންނަށް ބަރޯސާވާންޖެހޭ ކަމެއް ނޫންތާއެވެ. ހަމައެޔާ އެކު، މައިންޑްފުލްނެސް ނުވަތަ މެޑިޓޭޝަން ޕްރެކްޓިސްކުރުމާއި، ޤަވާއިދުން ކަސްރަތުކުރުމާއި، ދުޅަހެޔޮ ކެއުމާއި ނިދުމުގެ އާދަތަކަށް އިސްކަންދިނުން ވެސް ވަރަށް މުހިންމެވެ.

އާ ކަމެއް، އާ ހުނަރެއް

ޓްރާންސިޝަންގެ މި މުއްދަތު ބޭނުންކޮށްގެން އުފާވެރިކަމާއި ފުރިހަމަކަން ގެނެސްދޭ އާ ހޮބީތައް ނުވަތަ ޝައުގުވެރިކަން ހޯދާށެވެ. އަމިއްލަ ނަފްސަށް ޗެލެންޖްކޮށް ހިތްވަރު ލިބޭ ފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ ތިމާގެ ފޯކަސް ކުރީގެ މާޒީއާ ދުރަށް ގޮސް އުޖާލާ މުސްތަގުބަލަކަށް ބަދަލުކުރެވިދާނެ ކަމެކެވެ.

މުސްތަގުބަލް ގަބޫލުކުރުން

ގުޅުމެއް ނިމުމަކަށް އައުމުން ހިތާމަކުރުމަކީ ގުދުރަތީ ކަމެއް ކަމުގައި ވީނަމަވެސް، މިއީ ތިބާގެ ހަޔާތުގެ ނިމުން ނޫންކަން ހަނދާންކުރާށެވެ. ހަޔާތުގެ އެއް ބާބު ނިމޭއިރަށް ދެން ފަށާނީ އަނެއްކާވެސް އާ ބާބެކެވެ. މާޔޫސްނުވާށެވެ.

ބްރޭކްއަޕަށް ފަހު ކުރިއަށް ދިއުމަކީ ކޮންމެ މީހަކަށް ވެސް ތަފާތު ގޮތަކަށް ފެންނާނެ ޕްރޮސެސްއެކެވެ. މި ދުވަސްތަކުގައި އަމިއްލަ ނަފްސާށް އިސްކަންދީ އޯގާތެރިވާށެވެ. ތިމާގެ ހަޔާތަށް އުފާވެރިކަން ގެނެސްދެވޭނީ ކޮންމެފަހަރަކުވެސް ވަކި މީހެއް ހުރެގެން ނޫންކަން ދަންނާށެވެ.

Popular