1 Jul 2024

ދެން ފޮނުވާފައި އޮތް ފޮޓޯގައި ރަތް ކުލައިން ބޮޅެއް އަޅާފައި އިނެވެ. ޝިއުނާ އެ ފޮޓޯ ބޮޑުކޮށްގެން ބަލާލިއެވެ.

އެއީ ހައިޝަމްއާއި އެ އަންހެން ކުއްޖާ އާއި ދެމީހުން ވަރަށް ގައިގޯޅިކޮށް ތިބި ފޮޓޮއެކެވެ. އެފޮޓޯ ފެނުމާއިއެކު ޝިއުނާގެ ހިތަށް ގޮތް ވެގެން ދިޔައެވެ.

"ކޮބާ، މަބުނީމެންނު ހައިޝަމްއަށް ޓުރަސްޓު ނުކުރާށޭ!" ނަތާގެ އަޑު އިވުނެވެ.

ނަތާ ކުރިންވެސް އެހެންބުނާނެއެވެ. އެކަމަކު އޭރު ޝިއުނާ އެވާހަކަތައް ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ.

"އެއީ މާހު އަކީ!"

"ހޫމް" ޝިއުނާ އިތުރަކަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ އޭނާގެ މަންމަ އައިސް އޭނާ ހޯދަން އަޒީމާ އައިސް ހުރިވާހަކަ ބުންޏެވެ. އެޔާއިއެކު އެ ވާހަކަ އިތުރަށް ދައްކަން ފަހުން ގުޅާނަމޭ ބުނަމުން ފޯނު ނިންމާލީއެވެ.

އަޒީމާއަށް އެ ފޮޓޯ ދެއްކުމުން ތިޔަ ކުއްޖާ ގޮވައިގެން ސައިކަލުގައި ދަނިކޮށް އެމީހުންނަށްވެސް ފެނުނު ކަމަށް ބުންޏެވެ.

ޝިއުނާ، އެއަންހެން ކުއްޖާއާއި ބެހޭ އިތުރު މައުލޫމާތު ހޯދަން މަސައްކަތް ކުރަމުން ގެންދިޔައެވެ. އެއަންހެން ކުއްޖަގެ ސޯޝަލް މީޑިއާ އެކަންޓުތައް ހުރީ ޕަބްލިކް އަށް ފެންނަ ގޮތަކަށް ނޫނެވެ. ފެނުނު ހާވެސް އެއްޗަކީ ހައިޝަމްގެ ވޯލު ގައި ބާތުޑޭ ވިޝް ކޮށް އޭނާ ލިޔެފައިވާ ޕޯސްޓެވެ. ހެޕީ ބާތުޑޭ އެޓް ހައިޝަމް ހައިޝް ލިޔެފައި އޭގެ އިތުރުން ރަތްކުލައިގެ ތިން ހިތް ލާފައި އޮތެވެ.

އެރޭ ޝިއުނާ ބޭރަށް ދާހިތް ކެނޑިއްޖެއެވެ. އެކަމަކު އެކަނި ގޭގައި އިންނާކަށްވެސް ބޭނުމެއްނޫނެވެ. އޭނާ ވަނީ ވަރަށް ބޮޑަށް ދެރަވެ، މުޅިން މާޔޫސްވެފައެވެ. އެންމެ ފަހުން އަޒީމާ ވަރަށް ކިޔުމުން އޭނާއާއި އެކީގައި ބޭރަށް ނުކުތީއެވެ. ހައިޝަމް ކައިރީ އޭނާގެ ކާފަގެ ވާހަކަ ދެއްކީމާ ދިން ޖަވާބު ޝިއުނާ ކިޔައިދިނެވެ.

"އޭނާ އަކަށް އަހަންނަށް ކުރާނެ އިހުސާސް ތަކެއް ނުވިސްނުނު" ޝިއުނާ ދެރަވެލާފައި ބުނެލިއެވެ.

"ޝިއު ރުޅި ނާންނާތި މިހެން ބުންޏަސް، އެކަމަކު އަހަންނަށް ހީވާ ގޮތުގައި ހައިޝަމް އަކީ ތަންކޮޅެއް ... ކީކޭ ބުނާނީ .. އަމިއްލަ އެދުން ބޮޑު ކަންނޭގެ... ހުރިހާ ކަމެއްވެސް ކުރަން ވަނީ އޭނާ ބޭނުން ގޮތަކަށްނު؟" އަޒީމާ ބުނެލިއެވެ.

އަޒީމާ އެބުނި އެއްޗަކާއި މެދު ޝިއުނާ ވިސްނާލިއެވެ. އަދި މަޑުމަޑުން ބޯޖަހާލިއެވެ. އޭނާގެ ކާފަގެ ވާހަކަ ދައްކަން އުޅުނު ހިސާބުން ޝިއުނާއަށް ވެސް ހައިޝަމްގެ އެ ބުނާ ސިފަތަކެއް ވާކަން ދަނީ ފާހަގަ ކުރެވެމުންނެވެ.

"ހިނގާބަލަ ދެން އެހެން ކަމަކާ ވާހަކަ ދައްކަމާ" ޝިއުނާ ބުނެލިއެވެ. އަދި އޭނާގެ ބައްޕަ އޭނާ ގޮވައިގެން ކާފަ ދެކިލަން ދާން އެއްބަސްވި ވާހަކަ ކިޔައިދިނެވެ.

"އެހެންތަ؟" އަޒީމާ އޭނާގެ އެކުވެރިޔާއަށް ޓަކައި އުފާވިއެވެ.

"އެކަމަކު އީދު ގެ ފަހުންނޯ... އެކަމާ އަހަންނަށް ޖެހިލުންވެވެނީ... ހިތް ބުނަނީ އެހާ ދުވަސް ވަންދެން ކާފަ ނުހުރެދާނެއޭ"

"ޝިއު!" އެވަގުތު އަޒީމާއަށް ބުނެލެވުނެވެ. އަދި ތިގޮތަށް ނުވިސްނާށޭ ބުނެލިއެވެ.

ހައިޝަމް ގުޅީ އެދެމީހުން ގާޑިޔާ ކައިރީ ކުރުނބާ ބޯން ތިއްބައެވެ. އޭނާ ގެއަށް އައީ ކަމަށާއި ވަރަށް ވަރުބަލިވެފައި ހުރީމާ ނިދަން ޖައްސާލަނީ ކަމުގައި ބުނަމުން އޭނާ ފޯނު ބޭއްވީއެވެ. އޭރު ގަޑިން ދިހައެއް ޖަހައިފިއެވެ.

ކުރުނބާ ބޮއެ ނިމިގެން ޝިއުނާވެސް ބޭނުންވީ ގެއަށް ދާށެވެ.

"ނަޝީދު އަށް އިނގޭ އެ އަންހެންކުއްޖާ އުޅޭ ހިސާބު" ވަކި ހިސާބަކުން އަޒީމާ ބުނެލިއެވެ. އަދި ހިނގާށޭ އެގެ ދައްކާނަމޭ ބުނަމުން އަޒީމާ މިސްރާބު ބަދަލުކޮށްލިއެވެ. ހަނި ގޯޅި އަކަށް ވަދެފައި މިގޯޅީ ތެރޭ ކޮންމެވެސް ގެއެކޭ އަޒީމާ ބުނެލިއެވެ.

އެގޯޅި ތެރޭގައިވާ އުސް އިމާރާތް ތަކާ ގެތަކަށް ލޯ ހިންގަމުން ދަނިކޮށް ބުރި ބުރިއަށް ނަގާފައިވާ ގެއެއްގެ ކައިރިން ހައިޝަމްގެ ސައިކަލު ޝިއުނާގެ ލޮލުގައި އަޅައިގަތެވެ. އެ ސައިކަލު ކައިރިއަށް އޭނާ ހުއްޓުނެވެ. އޭރު އޭނާ އަށް ހީވަނީ ދެފައިން ވާގި ދޫވެފައިވާ ހެންނެވެ. ފެންކަޅި ވެފައި ވާ ލޮލަކުން އަޒީމާއާއި ދިމާލަށް ބަލާލިއެވެ.

"ގުޅާބަލަ!" އަޒީމާ ޙިޔާލު ދިނެވެ.

ހައިޝަމް ފޯނަކަށް ޖަވާބެއް ނުދިނެވެ. ޝިއުނާ ތިންވަނަ ފަހަރަށް ވެސް ގުޅިއެވެ. ފޯނަށް ޖަވާބު ނުދިނީމާ އޭނާ ބޭނުންވީ ހައިޝަމް ނުކުމޭތޯ އެސައިކަލު ކައިރީ މަޑުކުރާށެވެ. އެކަމާ އަޒީމާ ދެކޮޅު ހެދިއެވެ. އެންމެފަހުން ހިތާ ދެކޮޅަށް ގެއަށް ދާން ހިނގައިގަތީއެވެ. އޭރު ޝިއުނާ ހުރީ ވަރަށް ދެރަވެފައެވެ.

"ހައިޝަމް ބޭނުންވާހާ ގޮތަކަށް އަހަރެން ނޫޅޭތީ އޭނާ ފޫހިވަނީ ކަންނޭނގެ!" އެގޯޅިން ނުކުމެފައި ޝިއުނާ ވާހަކަ ދައްކަން ފެށިއެވެ.

ހައިޝަމް މެން ޗުއްޓީއަށް ލަންކާއަށް ދާން ވަނީ ރާވާފައެވެ. އެދަތުރުގައި ޝިއުނާ ގެންދަން އޭނާ ބޭނުންވިއެވެ. ޝިއުނާ ދާހިތްވިއެވެ. އެހެންނަމަވެސް އެކަމާ އިންކާރު ކުރީ ގޮސްފިއްޔާ އޭނ ހުންނަން ޖެހެނީ ހައިޝަމްއާއި އެއްކޮޓަރީގައިކަން އިނގޭތީއެވެ. ޝިއުނާއަކަށް އެގޮތެއް ކަމަކު ނުދެއެވެ. ހައިޝަމް ދެކެ ކިތަންމެ ލޯބިވިޔަސް އެ ފުރުސަތު ދޭކަށް އޭނާ ބޭނުމެއްނުވެއެވެ.

"ރިޒްވީމެން އެންމެންވެސް ދަނީ އެމީހުން އެމީހުންގެ ބިޓުން ގޮވައިގެން" ޝިއުނާ އެވާހަކަ އަޒީމާއަށް ކިޔައިދިނެވެ.

"ޝިއު މާބޮޑަށް ތިކަމާ ނުވިސްނާ" އަޒީމާއަކަށްވެސް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ.

އެރޭ ޝިއުނާއަށް ނިދަން އުނދަގޫވިއެވެ. ހައިޝަމް އެ އަންހެން ކުއްޖާގެ ގޭގައި ކުރަނީ ކޮންކަމެއް ބާވައޭ ހިތަށް އަރަމުން ދިޔައެވެ. ޝިއުނާގެ ފަރާތުން ނުލިބޭ ފުރުސަތެއް އެކުއްޖާގެ ފަރާތުން ލިބެނީ ބާވައެވެ؟ ހައިޝަމް އުޅޭގޭ އެންމެން ރަށުގައި ނެތް ރެއަކު ޝިއުނާ އެގެއަށް ގެންދަންވެގެން ހައިޝަމް ވަރަށް މަސައްކަތް ކުރިއެވެ. ކައިވެނީގެ ކުރިން އެކަހަލަ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަމުގައި ޝިއުނާ ބުނީ އެރެއެވެ. އެއީ ފަސްވަރަކަށް މަސް ކުރިންނެވެ. ހައިޝަމްއަށް ބަދަލު އަންނަން ފެށީ އެހިސާބުން ބާވައެވެ؟ ޝިއުނާއަށް އެކަމާ ވިސްނަން އޮވެވުނެވެ.

ޖެހިގެން އައި ދުވަހު މެންދުރު ގަޑީގައި ހައިޝަމްއާއި ދިމާވެގެން ޝިއުނާ ފެށީ ގެއެއްގެ ދޮށުން ސައިކަލު ފެނުނު ވާހަކަ އިން ފެށިގެންނެވެ.

"އެއީ މާހު މެންގެ... އޭނާ ބިޓު ކަޓައިގެން ވަރަށް ސަކަރާތް ވެގެން އުޅެނީ.. އެހެންވެ ދިޔައީ... ފޯނުން ވާހަކަ ދެއްކިއިރު ކުޑަކޮށް ސުއިސައިޑަލް ވެފަ ހުރި ހެން ހީވެގެން" ހައިޝަމް އޮޅުން ފިލުވައިދިނެވެ.

"އެގޭ ދޮށުގައި ހުރެފައި ގުޅީ" ޝިއުނާ ބުނެލިއެވެ.

"އާނ ފުލައިޓް މޯޑު ކަނޑާނުލެވި އޮތީ ފޯނުގެ " ހައިޝަމް ބުނެލިއެވެ. އަދި މާހު އަކީ ވަރަށް ރަނގަޅު ކުއްޖެއްކަމަށާއި އެނާ އެކަމާ ދެރަވެގެން އުޅޭ ތާ ދުވަސްކޮޅެއް ވެއްޖެ ކަމުގައި ހައިޝަމް ބުނެލިއެވެ.

"އޭނާ ވެސް ދިޔަ ދޯ ހައިޝަމް ބާތުޑޭ ނައިޓްގަ ހުޅުމާލެއަށް؟" ޝިއުނާ އަހާލިއެވެ.

އެޔާއިއެކު ހައިޝަމް ފުން ނޭވާއެއް ދޫކޮށްލަމުން މިއަދު އޮތީ ތަހުގީގު ހިންގުންތޯ ސުވާލު ކޮށްލިއެވެ.

"ނޫން ، ނޫން.... އެހާ ކުލޯޒް ކޮށް އުޅޭ ކުއްޖެއްވީމާ ހަމަ އަހާލީ" ޝިއުނާ އަވަސް އަވަހަށް ބުނެލިއެވެ.

އެހިސާބުން ހައިޝަމް ހިނިތުންވެލަމުން ޝިއުނާ އާއި ގާތްވެލިއެވެ. އޭނާ ދެކެ ލޯބިވާ ކަމަށާއި އެއީ އެކަހަލަ ގުޅުމެއް ނޫން ކަން ޔަގީން ކުރާށޭ ބުނަމުން އެތައް ވާހަކައެއް ދެއްކިއެވެ.

ގެއަށް އައިއިރު ޝިއުނާ ހުރީ ކޮންމެވެސް ވަރަކަށް ހަމަ ޖެހިފައެވެ. އޭނާ ކޮޓަރީގައި އޮވެގެން ހައިޝަމް ދެއްކި ވާހަކަތަކާއި މެދު ރަނގަޅަށް ވިސްނާލިއެވެ. ފުލައިޓް މޯޑު ކަނޑާނުލާ ފޯނެއް ނުކުރެވޭނެކަން ވިސްނުނީ އެހެން އޮއްވައެވެ. އެއާއިއެކު ހައިޝަމް އޭނާއަށް ދޮގު ހަދަނީ ކަން ޔަގީންވިއެވެ. ޝިއުނާ ވަގުތުން އަޒީމާއަށް ގުޅިއެވެ.

"ޝިއު އަށް ގުޅަންވެގެން ފޯނު ނެގިތަނާ ތިގުޅީ" އަޒީމާ ބުނެލިއެވެ.

ޒުހުދާގުޅާފައި ޝިއު ކާފައާއި ބެހޭ އިތުރު ވާހަކަ ކިޔައިދިފި ކަމުގައި އަޒީމާ ބުނެދިނެވެ. އޭނާގެ ކާފަ މިހާރު އުޅެނީ ވަރަށް ބަލިވެ ކަމުގައި އެރަށުން، ޒުހުދާގެ ބައްޕައަށް މައުލޫމާތު ދިންމިހާ ބުނިކަމަށް ވެއެވެ. އުޅެނީ އެކަނި މާއެކަނި ކަމަށާއި ކާއެތިކޮޅު ދިއްކޮށްލާނެ މީހެއްވެސް ގިނަ ފަހަރަށް ނުވާކަމުގައި ވެއެވެ. އޭނާއަށް އެހީތެރިވަނީ އެހިސާބުގައި ދިރިއުޅޭ ބަނގަލަދޭޝް މީހުން ކަމަށްވެސް ވެއެވެ. ޒުހުދާގެ ބައްޕަ ވާހަކަ ދެއްކި މީހާ ކައިރީ އޭނާގެ ތިމާގެ މީހުން މާލޭގައި އުޅޭ ކަމަށް ބުނުމުން "އެހެންވިއްޔާ ސާބަހޭ" އެމީހާ ނުރުހިފައި ބުނި ވާހަކަ ބުނުމުން ޝިއުނާ ފެންކަޅިވެގެން ދިޔައެވެ.

އެންމެފަހުން ކެތް ނުވެގެން ގޮސް އޭނާގެ މަންމައަށް ކިޔައިދިނެވެ. މަންމަ ކައިރީގައި އިނދެގެން ގިސްލަ ގިސްލާފައި ރުއެވެ. ހަގީގަތުގައި އޭނާއަށް ރޮވުނީ ހައިޝަމް އާއި ހެދިއެވެ. އެކަމަކު އެވަގުތު އެވާހަކަތައް އޭނާގެ މަންމައާއި ހިއްސާކުރާހާ ހިތްވަރެއް އޭނާގެ ކިބައަކު ނެތެވެ.

ހަނީފު ގެއަށް އައުމުން ހުސްނާ އެވާހަކަތައް ކިޔައިދިނެވެ. އެއަޑު އަހާފައި ހަނީފު ދޫކޮށްލީ ފުންނޭވާއެކެވެ. އޭނާ ގޮސް ޝިއުނާ އާއި ވާހަކަ ދެއްކިއެވެ. އަލީ ރަޝީދު ހުކުރު ދުވަހު އެރަށަށް ދާނެ ކަމުގައި ބުނެލިއެވެ.

"ބައްޕާ ކީއްތަވާނީ އެއްދުވަހަށް އެރަށަށް ދިޔައިއްޔާ؟" ޝިއުނާ ބުނެލިއެވެ. "އަޅުގަނޑަށް ކާފައާއި ހަމައަށް ނުދެވެނީސް ގޮތެއް ވެދާނެތީ ވަރަށް ކަންބޮޑުވޭ!" ޝިއުނާ ކުރެއްނުކުރިއެވެ.

"މިބުނީނު ދަރިފުޅު ގޮވައިގެން ދާނަމޭ... އެކަމަކު މިހާރަކު ނޫން"

އެދުވަހު އިރުއޮއްސުނު ވަގުތު ހަނީފުގެ ދައްތަ އެގެއަށް އައެވެ. ހުސްނާއަށް އެކަން ބޮޑުވެގެން އޭނާ އަނީސާއަށް ގުޅީއެވެ. އޭނާ އަށް ވިސްނޭ ގޮތުގައި އެންމެ ރަނގަޅު ވާނީ ޝިއުނާ އެ އެދޭ ގޮތަށް އެއްދުވަހަށް އެރަށަށް ދިޔައިއްޔާ ނޫންހޭ އަނީސާ ކައިރީ ހުސްނާ ބުނެލިއެވެ.

ހަނީފު މިސްކިތުން ފައިބައިގެން އައި އިރު ހުސްނާ އާއި އޭނާގެ ދައްތައާއި ދެމީހުން ތިބީ އެވާހަކަ ދައްކާށެވެ. އޭނާއަށް އެފުރުސަތު ނުދެނީސް އެމީހާ މިދުނިޔެ ދޫކޮށްފިއްޔާ އޭނާ ކޮއްކޮއަށް ނަފްރަތު ކުރާނެއޭ ހަނީފު އާއި ދިމާލަށް އޭނާގެ ދައްތަ ބުނެލިއެވެ.

"އެމަންޖެ ކައިރީ ގޮވައިގެން ދާނަމޭ ކިޔާފައި ދޮގުހަދައިގެން މިހާރު އެއުޅެނީ" ހުސްނާ ކިޔައިދިނެވެ.

"އަސްލުވެސް ދާން ވީނު އޭނާ ގޮވައިގެން؟" އަނީސާ ބުނެލިއެވެ.

"މަ ފެނުނީމާ އެބެ އަދި މާ ބޮޑަށް ރުޅި އަންނާނެދޯ... އެހެންނޫނަސް މީހެއްގެ އަނގައިގަ މަށަކަށްވެސް ނުހިފެހެއްޓޭނެއެއްނު!" ހަނީފު މާޔޫސްކަމުގެ ނޭވައެއް ލަމުން ބުނެލިއެވެ.

"އަސްލު އެމީހާ ކީކޭ ކިޔާނެތީތަ ތިހާ ވަރުން ތިއުޅެނީ؟" އެވަގުތު ހުސްނާއަށް އިނދެފައި އަހާލެވުނެވެ.

އެޔާއިއެކު އަނީސާ އާއި ހަނީފުއާއި ދެމީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ހަނީފު ބޯ ހޫރާލިއެވެ. އެމަންޒަރު ހުސްނާއަށް ފެނުނެވެ.

"މި ވާނުވާ ނޭނގޭތީ މިހާރު އަހަރެންގެވެސް ބޯ ހާސްވާން ފަށައިފި!" ހުސްނާ ހިތްހަމަ ނުޖެހުނެވެ. ހަނީފު އެވަރުން ފޮރުވަން އެ މަސައްކަތް ކުރަނީ ކޮންކަހަލަ ކަންތައްގަޑެއް ހިނގާފައި އޮތީމާ ބާވައޭ އޭނާގެ ހިތަށް އެރިއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular