26 Jun 2024

"ފަރީޝާގެ އެއްވެސް ކުށެއްނެތް!" ކާފަގެ އަޑު ވަރަށް މަޑުވިއެވެ. ޝިއުނާ އެވަގުތު ލޯ ފޮހެލިއެވެ. އެނާ ކާފައާއި އިތުރަށް ސުވާލު ކުރަން ބޭނުމެވެ. އެހެންނަމަވެސް އޭނާ އަކަށް އަނގަޔަކުން ނުބުނެވުނެވެ.

"ހުރިހާވެސް ނުބައެއް ހެދީ ކަލޭގެ ބައްޕާ އެގިއްޖެތަ.؟ އަހަރެން ދުވަހަކުވެސް މާއާފެއް ނުކުރާނަން!"

"ކާފާ!" ޝިއުނާ ވާހަކަ ދައްކަން އުޅުނެވެ. އެކަމަކު އޭރު ފޯނު ކެނޑިއްޖެއެވެ.

ހުސްނާއަށް މަގުމަތިން ބަތްތަވާ ދުން ގަންނަވަސް ދުވަން ފެށިއެވެ. ގެއަށް ވަދެފައި ދުވަމުން ގޮސް ބަދިގެއަށް ވަދެ އުނދުން ނިއްވާލިއެވެ.

"ދަރިފުޅާ ބަތްކޮޅު....." ހުސްނާ ބުނަންފެށިއެވެ. ފޯނުގެ އަތްގަނޑު އަތަށް ލައިގެން ޝިއުނާ ހުރިތަން ފެނުނީ އެވަގުތުއެވެ.އޭރު އޭނާގެ ދެލޮލުން ކަރުނަ ފައިބައެވެ.

ޝިއުނާ މަންމާއޭ ކިޔާފައި ބާރަށް ރޮއެ ގަތެވެ. އޭނާ ކައިރިއަށް ދިޔުމުން ގައިގަ ބައްދައިގަތެވެ. ހުސްނާ އޭނާ ގޮވައިގެން ގޮސް މޭޒު ދޮށުގައި ބޭންދިއެވެ. ޝިއުނާއަށް ވާހަކަ ދެއްކުނީ އިރުކޮޅެއް ފަހުންނެވެ. އޭނާގެ ކާފަ ދެއްކި ވާހަކަތައް ކިޔައިދޭން މަސައްކަތް ކުރިއެވެ.

ހަނީފުއާއި ޝަހުދު އާއި ދެބަފައިން ބޭރުން އައި އޭގެ ކުޑަ އިރުކޮޅެއް ފަހުންނެވެ. ހަނީފުއަށް ޝިއުނާ އިންގޮތް ފެނިފައި ކިހިނެތްތޯ ވީ އަހާލިއެވެ. އެޔާއިއެކު އޭނާގެ ކާފަ އަނެއްކާވެސް ގުޅީއޭ ހުސްނާ ބުނެލިއެވެ. ވަގުތުން ހަނީފު ރުޅިއައެވެ. އޭނާ އަތަށް ފޯނު ނުދޭށޭ އަހަރެން ބުނީމެއްނޫންހޭ ހުސްނާއާއި ދިމާލަށް ވަރަށް ބާރަށް ބުނެލިއެވެ.

"އަހަރެން މީނދަ ފިހާރައަށް ދިޔަ ވަގުތު އޭ ގުޅީ!" ހުސްނާ ބުނެލިއެވެ.

ހަނީފު އިތުރު އެއްޗެއް ނުބުނެ އެދިޔަގޮތަށް ގޮސް ފޯނު ނަގާ ހޫރާލިއެވެ. އެޔާއި ގުޅާފައި އިން ވާގަޑުވެސް ލުއްކިއެއް ޖަހާ ނައްޓާލިއެވެ.

"ދެން ނިކަން ގުޅާބަލަ!" ހަނީފު އެހެން ބުނި އިރު ތުރުތުރު އަޅައެވެ. ހަނީފު ގޮސް ކޮޓަރިއަށް ވަނުމުން ހުސްނާވެސް އޭނާގެ ފަހަތުން ދިޔައެވެ.

" ތިކުރީ ވަރަށް ދެރަކަމެއް، އެކުދިން ކުރިމަތީގައި ރުޅި ކޮންޓުރޯލު ކުރަން ދަސްކުރަން ވާނެ... ހަނީފަށް އިނގޭތަ ތިހެން ހެދިވަރަކަށް ތިކަން ވާނީ ބޮޑު ، މަމީ އެމަންޖެ ނަމަ ކާފަގެ ވާހަކަ ބޮޑަށް އަޑު އަހާ ހިތްވާނީ!" ކޮޓަރި ދޮރު ލައްޕާލުމަށް ފަހު ހުސްނާ ވިސްނައި ދޭން މަސައްކަތް ކުރިއެވެ.

"އިނގޭ!" ހަނީފު ބޯޖަހާލަމުން އެނދުމަތީގައި އިށީނެވެ.

"ކީކޭތަ އެމީހާ އެކިޔަނީ؟" ހުސްނާ ސުވާލު ކުރިއެވެ.

ހަނީފު ބޯހޫރާލާފައި އެއީ ބޯހަމަ ޖެހޭ މީހެއް ނޫނޭ ހުސްނާއާއި ދިމާލަށް ބުނެލިއެވެ. އޭނާ އިތުރަށް އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނީއެވެ. ހުސްނާވެސް އިތުރު ސުވާލު ކުރަން ނޫޅެ ކޮޓަރިން ނުކުތީއެވެ.

ޝިއުނާ އޮތީ ކޮޓަރީގައެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ކާފަ ދެއްކި ވާހަކަ ތަކެވެ. އޭނާ އެ ދައްކަން އުޅެނީ ކޮން ވާހަކައެއް ބާވައެވެ؟ ބައްޕަގެ އިތުރުން ޝަހުދުކޮއްކޮވެސް އެނާގެ ކާފައަކީ ބޯ ހަމަ ނުޖެހޭ މީހަކަށް ވެދާނެއޭ ބުނެފިއެވެ. އެބުނި ހަމަ ރަނގަޅަށް ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

ހުކުރުން އައިސް ހަނީފު އޭނާގެ ދަރިފުޅަށް ގޮވާގެނައެވެ. ކާފަ އާއި ބޭހޭގޮތުން ކިޔައިދޭނަމޭ ބުނަމުންނެވެ. އެންމެން އެކީގައި ކާމޭޒު ދޮށުގައި އިށީނދެފައި ހަނީފު އިބްރާހިމްބެ ގެ ވާހަކަ ފެށިއެވެ.

"ދަރިފުޅުގެ ކާފަ އަކީ ... ޖިންނި އަވަލާފައި ތިބޭ މީހުން ރަނގަޅު ކުރަން ކަންތައް ކުރާ މީހެއް! " ހަނީފު ފެށިއެވެ. އެހިސާބު ގަނޑުގެ ރަށް ރަށުން ވެސް މީހުން ކާފަ ކައިރިއަށް ރަނގަޅު ކުރަން ގެންނަކަމަށްވެސް ކިޔައިދިނެވެ.

"ކާފަ ދެކެ ޖެހިލުންވާނެ އެރަށު އެންމެންވެސް... މީހުންގެ ތެރެއަށް ނުކުމެއެއް ނޫޅޭނެ މާ ބޮޑަކަށް" ފެން ފޮދެއް ބޯލާފައި ހަނީފު ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ދެން ކީއްވެ ބައްޕަ ދެކެ އެހާ ރުޅި އެ އަންނަނީ؟ ... މިއަދު ބުނި ބައްޕަ އާއި ހެދިއޯ ހުރިހާ ކަމެއްވީ... މަންމަގެ އެއްވެސް ކުށެއް ނެތޯ" ޝިއުނާ ކިޔައިދިނެވެ.

"އެ.... އެވީގޮތަކީ ބައްޕަ މަންމަ އާއި އިނދެފައި ދިޔައީ އަނެއްކާވެސް ދަތުރު ކުރަން، ބައްޕަ ބޭނުންވީ ލާރިކޮޅެއް އެއްކޮށްލައިގެން އައިސް ކޮންމެވެސް ވިޔަފާރިއެއް ފައްޓަން.. މަންމަ މާލެ ގެންދަން ގަބޫލު ނުވެއްޖިއްޔާ އެރަށުގައި ދިރިއުޅެން ފަށަން.. ބައްޕަ ފުރައިގެން ދިޔަފަހުން އިނގުނީ މަންމަ ދަރިފުޅަށް ބަނޑު ބޮޑުކަން... މަންމަ ވަރަށް ބަލިވި.....ބައްޕައަށް އާދެވުނީ ދަރިފުޅު ވިހާ ނިމުނު ފަހުން... އޭރު މަންމަ ވަރަށް ބަލި..." ހަނީފު އެހިސާބަށް ވާހަކަ ދައްކާފައި ހުއްޓާލިއެވެ. މަޑުމަޑުން އިސް ދަށަށް ޖަހާލިއެވެ.

"ކާފަ ރުޅި އަންނަނީ.... ރުޅި އަންނާނީ މަންމަ މިދުނިޔެ ދޫކުރީ ބައްޕަ އާއި ހެދި ކަމަށް ދެކޭތީ.. " ހަނީފު ބުނެލިއެވެ. އެހިސާބުން ތަނަށް ހަނު ހިމޭންކަން ވެރިވެގެން ދިޔައެވެ. ކުޑަ ހިނދުކޮޅަކަށް ފަހު ޝިއުނާ ތެދުވެގެން އައިސް އޭނާގެ ބައްޕަގެ ގައިގަ ބައްދާލިއެވެ. އަދި ސޮރީ އޭ ބުނި އިރު އޭނާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.

"މަންމަ ވަކިވި ހިސާބުން ކާފަ މުޅިން ބޯ ސަކާރާތް ވި... ބައްޕަގެ ރައްޓެހި މީހާ ވެސް ބުނީ އޭގެފަހުން އެއްގޮތަކަށްވެސް ހަމަ ޖެހޭ ވާހަކައެއް ނުދައްކަޔޯ... އެހެންވެ ދަރިފުޅު ނުފޮނުވާން ބައްޕަ އެހާ ވަރަކުން މިއުޅެނީ" ހަނީފު ބުނެދިނެވެ.

ކެއުމުގެ ކަންތަން ނިންމާލާފައި ހުސްނާ ގޮސް ކޮޓަރިއަށް ވައިން އިރު ހަނީފު އޮށޯވެލައިގެން އޮތެވެ. އެއީ އެހެންޏާ އޭނާ ކުރާކަމެއް ނޫނެވެ. ކައި ނިމިގެން ޓީވީ ކައިރީގައި އިނދެލާފައި ދޭއް ޖެހީމާ ދެން ދާނީ ފިހާރައަށެވެ. ހުސްނާ ވަދެފައި މިއަދު ފިހާރައަށް ނުދަނީތޯ އަހާލިއެވެ.

"ނޫނޭ ދާނަން..ކުޑަ އިރުކޮޅަކުން " ހަނީފު ގަޑިބަލާލަމުން ޖަވާބު ދިނެވެ.

"ހަނީފު، އަހަރެން ސުވާލެއް ކޮށްލަންތަ؟" ހުސްނާ އެނދުމަތީގައި އިށީންނަމުން ބުނެލިއެވެ.

ހަނީފު އާއެކޭ ބުނުމުން ޝިއުނާގެ މަންމަ މަރުވީ އަސްލު ކިހިނެތްވެފަ ތޯ ހުސްނާ އަހާލިއެވެ. އެޔާއިއެކު ހަނީފުގެ މޫނުމަތިން ފައުޅުވެގެން ދިޔައީ މުޅިން އެހެންކަހަލަ އަސަރު ތަކެކެވެ.

ކުޑައިރުކޮޅަކު ހަނުހިމޭންކަމާއި އެކީގައި އޮތުމަށް ފަހު އަދި އެވާހަކަ މިވަގުތު ދައްކަން ބޭނުން ނޫން ކަމުގައި ހަނީފު ބުނެލިއެވެ.

"ކޮންމެވެސް ދުވަހަކުން އަހަރެން ހުސްނާއަށް އެވާހަކަތައް ކިޔައިދޭނަން... އެކަމަކު މިހާރަކު ނޫން!"

ހުސްނާ އަށް ފެނުނީ ވަރަށް ކަންބޮޑުވެފައި ވާ މޫނެކެވެ.

"އާނ އޯކޭ!" އޭނާ މަޑުމަޑުން ބުނެލިއެވެ. އަދި އެނދުގައި އޮށޯވެ ފޯނު ހުޅުވާލިއެވެ. ހުސްނާ ފޯނަށް ބަލަން އޮތަސް ވިސްނެމުން ދިޔައީ ހަނީފު ދިން ޖަވާބާއި މެދުގައެވެ. ހަނީފުގެ ދައްތަގެ ފަރާތުން އޭނާއަށް އެނގިފައި ވާހާވެސް އެއްޗަކީ އެއީ ހަނީފު ވަރަށް ލޯބިވީ އަންހެނެއްކަމެވެ. އޭނާ ވަކިވެ ދިޔުމުން ހަނީފު އެކަމާއި ވަރަށް ބޮޑަށް ހިތާމަ ކުރިކަމެވެ. އިތުރު އެއްޗެއް ނޭނގެއެވެ.

ހަނީފު ލޯމަރާލައިގެން ފައި ތަޅުވާލަ ތަޅުވާލަ އޮތެވެ. އޭނާ އޮތީ ހުސްނާ އެކުރި ސުވާލުން ކަންބޮޑުވެފައެވެ. ފަރީޝާ އަށް ވީގޮތުގެ ވާހަކަ އެއީ އޭނާ އެއްގޮތަކަށްވެސް ދައްކަން ބޭނުންވާހަކަ އެއް ނޫނެވެ. އެ ސިއްރު އިނގޭނީ ހަމަ އެކަނި އޭނާގެ ދައްތަ އަނީސާ އަށެވެ. ކުއްލިއަކަށް އޭނާ ވަރަށް ބޮޑަށް ހިތް ނުތަނަވަސް ވާން ފެށިއެވެ. ހުސްނާއަށް އެކަން އެނގޭ ދުވަހަކުން އޭނާ އާއި ދޭތެރޭ ދެކޭނީ ކިހިނެތް ބާވައޭ ހިތަށް އެރީއެވެ. އެވަގުތު އެނދުމަތީގައި ފޯނާއި ދިމާލަށް ބަލަހައްޓައިގެން އޮތް ހުސްނާއާއި ދިމާލަށް އޭނާއަށް ބަލާލެވުނެވެ. ދިރިއުޅުން މަތިން މުޅިން ފޫހިވެ މާޔޫސްވެފައި ވަނިކޮށް އޭނަގެ އަތުގައި ހިފާ ކުރިއަށް ދާން ހިތްވަރު ދިނީ ހުސްނާއެވެ. އެންމެ ފުރަތަމަ ދުވަހު އޭނާއަށް އެވާހަކަ ކިޔައި ދެވުނު ނަމައޭ ހިތަށް އެރިއެވެ. އޭނާ ކިޔައިދޭންވެސް އުޅުނެވެ. އެކަމަކު އޭރުން ހުސްނާ އޭނާއައި ކައިވެނި ކުރަން ބޭނުން ނުވެދާނެތީ ކިޔައިދޭން ނުކެރުނީއެވެ.

***

ހަވީރު ޝިއުނާ ދިޔައީ އަޒީމާ މެންގެއަށެވެ. ދެމީހުން ހިނގާލަން ބޭރަށް ނުކުތީ ޝިއުނާ ބޯ ހަމަ ޖައްސާލާށޭ ކިޔާފައެވެ. އޭނާއަށް އައި ފޯނު ކޯލުގެ ވާހަކައާއި ހުރިހާ އެއްޗެއް އޭނާ އަޒީމާ އަށް ކިޔައދިނެވެ.

"އޭ މަގޭ ރައްޓެއްސެއް އުޅޭނެ... ދ. ކޮންމެވެސް ރަށެއް... މިހާރު ރަށުގެ ނަމެއް ހަނދާނެއް ނެތް" އެހެންބުނަމުން އަޒީމާ ފޯނު ހާވަން ފެށިއެވެ. އަޒީމާ ބުނި ގޮތުގައި އެމީހުން އައިސް މާލެގައި ތިބޭނި އެގޭ މަގުގައި ހުރި ގެއެއްގައެވެ. އެކަމަކު އެއީ ތަންކޮޅެއް ކުރިން ކަމުގައި ވެސް އޭނާ ބުންޏެވެ.

އޭނާގެ ފޯނުން އެ ކުއްޖާގެ ނަމްބަރު ފެނުނެވެ. ވަގުތުން އަޒީމާ ގުޅިއެވެ. އެހެންނަމަވެސް ފޯނެއް ނުނެގިއެވެ. އެކަމާ ޝިއުނާ މާޔޫސް ވިއެވެ. އަދި ފަހުން ޓުރައިކުރާށޭ ޝިއުނާ ބުންޏޭވެ. "ނޭނގެ ދޯ މިހާރު އެ ހެން ނަމްބަރެއް ގެންގުޅެނި ކަންނޭގެ ދޯ... މިހާރު ދެ އަހަރު ވަރު ވެދާނެ އެނާގެ ޚަބަރެއްނުވާތާ.. ޒުހުދާ އޭނާއަށް ކިޔަނީ" އަޒީމާ އޮޅުން ފިލުވައި ދިނެވެ. އެރޭ ހައިޝަމް އައީމާ ޝިއުނާ ބޭރަށް ދާކަށް ބޭނުމެއްނުވިއެވެ. އޭނާއަށް ދިމާވެގެން އުޅޭ ކަންތަކުގެ ވާހަކަ ކިޔައިދިނީ އެގޭ ބޭރު ޖޯލި ފަތީގައި އިނދެގެންނެވެ. ހައިޝަމް އަކަށްވެސް ޝިއުނާގެ އަސްލު މަންމައަކީ އެހެން މީހެއްކަމެއް ކުރިއަކުން ނޭނގެއެވެ. އޭނާ އަކަށް އެކަން މާ ބޮޑު ކަމަކަށްވެސް ނުވިއެވެ. އޭނާ ދެއްކީ އޭނާގެ އަމިއްލަ ކާފަގެ ވާހަކައެވެ. މުސްކުޅިކަމުން ދައްކާ ވާހަކަ މިހާރު އެއްގޮތަކަށްވެސް ހަނދާން ނުހުންނަ ވާހަކައެވެ. އެއް ވާހަކައެއް ސަތޭކަ ފަހަރުވެސް ހަމަ ފެންނައިރަށް ދައްކަފާނެއޭ ހައިޝަމް ބުނެލިއެވެ.

"އަސްލު ވަރަށް ބޭނުން ކާފަ ދެކިލަން ދާން " ޝިއުނާ ބުނެލިއެވެ.

"ކީއްކުރަން؟ ޝިއުގެ ބައްޕަ އެބުނިހެން ހުސް ބޯގޯސް ވާހަކަ ދައްކާ އަޑު އަހަން ކީއްކުރަން ދާންވީ؟" ހައިޝަމްގެ ޙިޔާލު ހުރީ އެގޮތަށެވެ.

އަނެއްދުވަހު އަޒީމާ އޮފީހަށް އައިސް ޒުހުދާގެ ނަމްބަރު ލިބުނު ވާހަކަ ބުންޏެވެ. އަދި ކުރީގެ ނަމްބަރު މިހާރު ގެންގުޅެނީ އޭނާގެ ފިރިމީހާ ކަމަށާއި ރޭގައި ވަރަށް ލަސްވީފަހުން އެނަމްބަރަށް ގުޅީމާ އޭނާ ޖަވާބު ދިންކަމުގައި ކިޔައިދިނެވެ. ޒުހުދާ މިވަގުތު މާލޭގައި ހުރި ވާހަކަ ބުނުމާއި އެކު ޝިއުނާ ތެޅިގަތެވެ. އޮފީސް ނިންމާފައި އޭނާ ކައިރިއަށް ދަމާ ހިނގާށޭ ބުނެލިއެވެ.

"މަޑުކޮށްބަލަ ...އޭނާ މިފަހަރު ހުރީ ވިލިނގިލިގައޭ"

"އޯކޭ އެހެންވިއްޔާ ހަވީރު ދާނީ ވިލިންގިއްޔަށް... އަހަރެން ބޭނުމީ ސީދާ ފޭސް ޓު ފޭސް ވާހަކަ ދައްކަން" ޝިއުނާ ނިންމިއެވެ. ޝިއުނާ ބޭނުންވަނީ އެ ޒުހުދާ އާއި ވާހަކަ ދައްކައިގެން ކޮންމެވެސް ގޮތަކުން އޭނާގެ ކާފަގެ ހާލު އަހުވާލު އޮޅުން ފިލުވޭނެ ގޮތެއް ހޯދުމެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular