16 Jun 2024

By: Aishath Mihna Nasih

ބޮޑު އީދު ފުރިހަމަވާނީ މީރު ބިރިޔާނީ ގަނޑަކާ އެކީގަ އެވެ. ބިރިޔާނީ ތައްޔާރުކުރެވޭނެ އެތައް ގޮތެއް އެބަހުއްޓެވެ. އެހެނަސް "ޕާފެކްޓް" ބިރިޔާނީ އަކަށް މުހިންމު ބައެއް އިންގްރިޑިއަންޓާއި އަދި އުކުޅުތަކެއް ބޭނުންވެ އެވެ. މިއަދުގެ ބިރިޔާނީ ކެއްކުމުގެ ކުރިން މިކަންކަމަށް ވިސްނާލާށެވެ.

- ކުކުޅު: މުއްސަނދި ރަހައަކަށް ބޯންލެސްގެ ބަދަލުގައި މުޅި ކުކުޅު ބޭނުން ކުރާށެވެ. ވަކިން ޚާއްޞަކޮށް ކުކުޅު ފަޔާއި، "ތައި" މަސްގަނޑުން ރަހަ އިތުރަށް މީރުވާނެ އެވެ.

- ބަތް: އާދައިގެ ހަނޑުލާއި، ނޫނީ ކޮންމެ ކޮންމެ ބާސްމަތީ ހަނޑުލެއްގެ ބަދަލުގައި ހަނޑޫ ފުއްތައް ދިގުކޮށް ހުންނަ ބާވަތެއް ޚިޔާރުކުރާށެވެ.

- ހަވާދު: އިތުރަށް ރަހަ މުއްސަނދި ކުރުމަށްޓަކައި ފޮނިތޮށި ކާފުރުތޮޅު، ކަރަންފޫ، ބޭ ލީވްސް ފަދަ ބާވަތްތައް ބޭނުންކުރާށެވެ. ޕެކެޓުކޮށްފައި ހުންނަ ތައްޔާރީ ހަވާދުތަކަށްވުރެ ތާޒާ އިންގްރިޑިއަންޓްތަކުން ނުކުންނަ ރަހަތައް މާ މީރުވާނެއެވެ.

ކުކުޅު މެރިނޭޓްކުރުން

- ބިރިޔާނީގެ ރަހަ މީރުވާނީ ކުކުޅުގެ ރަހަ މުއްސަނދިވި ވަރަކަށެވެ. އެހެންކަމުން މީރުކޮށް، މޮއިސްޓްކޮށް ހުންނާނެ ގޮތަށް ކުކުޅު މެރިނޭޓްކުރަން ސަމާލުކަން ދޭންވާނެއެވެ. މިގޮތުން ރަނގަޅު މެރިނޭޑެއްގައި ޔޯގަޓް، އިނގުރު-ލޮނުމެދު ޕޭސްޓް، ރީނދޫ، ރެޑް ޗިލީ ޕައުޑަރ، ގަރަމް މަސާލާ، އަދި ލޮނު ހިމެނެއެވެ. މަދުވެގެން ގަޑިއެއްހާއިރު ކުކުޅު މެރިނޭޓް ކުރަން ދޫކޮށްލި ނަމަވެސް ކުކުޅުތަކުގެ ތެރެއަށް ރަހަ ވަނުމަށް އެހީތެރިވާނެއެވެ. އެންމެ ރަނގަޅީ އެއް ރޭ ކުރިން މެރިނޭޓްކުރުމެވެ.

ބަތް ކެއްކުން

- ބިރިޔާނީގެ ހަވާދުގަނޑު އަދި ކިތަންމެ މީރަސް، ބަތްފުއްތައް ޗަސްވެފައި ނުވަތަ މާ މަޑުކޮށް، ނުވަތަ މާ ބޮޑަށް ތަތްލައްވާފައި ހުންނަ ނަމަ ބަލާލަންވެސް އަދި ކާންވެސް އެހާ މީރު ނުވެދާނެއެވެ. އެހެންކަމުން ފުރަތަމަ ކައްކާއިރު ބަތް ކައްކާނީ ގާތްގަނޑަކަށް 70 އިންސައްތަ ނިމޭވަރަށެވެ. ސަބަބަކީ ފަހުން އަދި ހަވާދުތަކާއި ކުކުޅާއިއެކު ބަތްކައްކާނެތީ އެވެ. އެހެންކަމުން ކައްކާ ނިމުމުން ބަތްތައް ފުރާނާލައި، ފިނި ފެނުން އެއްފަހަރު ރިންސް ނުވަތަ ދޮވެލާށެވެ. އޭރަށް ޗަސްވުމުން ދުރުކޮށްދީ އިތުރުވާ ސްޓާޗް ނައްތާލާނެއެވެ.

މީގެއިތުރުން ބަތުގެ ރަހަ އިތުރަށް މުއްސަނދިކުރުމަށްޓަކައި ކުޑަ ސެފްރޯން ކޮޅެއް ކިރުކޮޅަކަށްލާ ފޯ ކޮށްލުމަށްފަހު ބަތްތަކުގެ ތެރެއަށް އަޅާލާށެވެ.

ޑަމް ކެއްކުން

ސްޓީމް (ޑަމް) ޓްރެޕް ކުރުމަށްޓަކައި ތަށި ރަނގަޅަށް ފިޓްވާ ފުށްގަނޑަކުން ނުވަތަ ފުށަކުން ބަންދުކޮށްލާށެވެ. ސްޓީމް އިން މުޅި ޑިޝް އަށް ރަހަތައް ވަދެގެންދާ ގޮތަށް ކުޑަ ހޫނެއްގައި ކައްކާށެވެ.

ގިނައިރުވަންދެން މިހެން ކައްކަން ގަސްތުކުރާނަމަ އުނދުންމަތީ ސީދާ ބިރިޔާނީ ތެލި ބެހެއްޓުމުގެ ބަދަލުގައި ތަވައެއް ބެހެއްޓުމަށްފަހު އޭގެ މަތީގައި ބިރިޔާނީ ތެލި ބަހައްޓާށެވެ. ގައިމު ވެސް ފުލުގައި ނުހިފާނެ އެވެ.

އެއަށްފަހު ގާތްގަނޑަކަށް 30-40 މިނެޓް ވަންދެން ޑަމް ކައްކާލުމަށް ފަހު ކުކުޅުތަކުގެ ތެރެއަށް ރަނގަޅަށް ހަވާދުތައް ވަދެ އަދި ބަތްފުއްތައް ރީއްޗަށް ފުފިފައި ހުރިތޯ ޔަގީންކޮށްލާށެވެ.

މިކަންކަން ފުރިހަމަ ކޮށްލާ

ކުކުޅު ބިރިޔާނީއެއް ފުރިހަމަ ވާނީ ޕާޕަރާއި ރައިތާ އަދި މިންޓް ޗަޓްނީއެއް ވެސް ތައްޔާރުކޮށްލުމުންނެވެ. ކިއުކަމްބާ، ފިޔާ، ޓޮމާޓޯ އަދި ކޮރިއާންޑާ އާއި އެކު ޔޯގަޓްކޮޅެއް އެއްކޮށްލައިގެން ތައްޔާރުކޮށްލާ ރައިތާނހުރުމުން ހަވާދުގަނޑުން އެކުރާ އަސަރުވެސް ކުޑަވެއެވެ. އަދި ހަވާދުތަކުހން އެހުންނަ ކުޅިކަން ފިލުވާލާ ފިނިކަމެއް ހައްޓަށް ލިބިދެ އެވެ.

އީދު ބިރިޔާނި ރެސިޕީ

Popular