18 Jun 2024

By: Aishath Mihna Nasih

ޗުއްޓީވުމުން އެންމެން މިތިބެނީ ގޭގަ އެވެ. ހާސްބޮޑު ދިރިއުޅުމުން ވީއްލި ގޭގައި ތިބެލާނެ ވަގުތުކޮޅެއް ލިބުމުން ހީވީ އާއިލާއަށް ވަރަށް ވަގުތު ދެވޭނެކަމަށެވެ. އާއިލީ ލޯބި އިތުރުވާނެ ކަމަށެވެ. އެކަމަކު، ހަވީރު ފިނިޖެހެންދެން ގޭގައި ކުރާނެ ކަމެއް ކުރަން ތިއްބަކަސް "ކޮލިޓީ" ވަގުތުކޮޅަކަށް ހޭދަވީ ކަމަކަށް ނުވެ އެވެ. ހަރުދަނާ އާއިލީ ގުޅުންތަކެއް ބިނާކުރުމަށް އާންމުކޮށް ކޮށްއުޅޭ ކަންކަމަށް ކުދިކުދި ބަދަލުތަކެއް ގެނެސް ހެޔޮ އާދަތަކެއް ގޭތެރެއަށް ގެނެވިދާނެ އެވެ.

މިފަދަ އާދަތަކަކީ ހަމައެކަނި އާދަތަކެއްގެ ބަދަލުގައި އެއަށްވުރެ މާ ބޮޑު އަދި މާ މުހިންމު އަސަރެއް އަހަރެމެންގެ ދިރިއުޅުމަށް ކުރާނެ ކަމަކެވެ. އަހަރެމެންގެ ކުޑައިރުގެ ދުވަސްތަކަށް ވިސްނާލާއިރު ވެސް، ހަނދާންހުންނަ ބައެއް ހާއްސަ ކަންކަން ހުރެ އެވެ. ފަހަރުގައި އެއީ ހަފްތާގެ ކޮންމެވެސް އެއް ދުވަހު ބޭރަށް ހިނގާލަން ދިއުން ކަމުގައި ވެދާނެ އެވެ. ނުވަތަ ވަކި ދުވަހަކު ކައިއުޅޭ ހާއްސަ ކެއުމަކަށް ވެސް ވެދާނެ އެވެ. ނުވަތަ ކޮންމެ ދުވަހަކުވެސް މަންމަ އާއި ބައްޕައާ އެކު ހޭދަކުރާ ވަކި ވަގުތުކޮޅަކަށް ވެސް ވެދާނެ އެވެ. މިފަދަ އާދަތަކުގެ ސަބަބުން ކުޑައިރުއްސުރެ، ހަމަޖެހުމާއި، ވަކިކަންކަމަށް އުންމީދުކުރަން އެނގިދެ އެވެ. ދުނިޔެއާ ދޭތެރޭ ދެކޭ ގޮތުގެ އޮނިގަނޑެއް ފޯރުކޮށްދެވި، ރައްކާތެރި ދިރިއުޅުމެއްގެ ބިންގާ އެޅިގެންދެ އެވެ.

އާއިލާ އެކުގައި ވަގުތު ހޭދަކުރުން

މިގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި:

- ކޮންމެވެސް އެއް ކެއުމެއް އާއިލާއެކުގައި ކެއުން. އަދި މި ގަޑީގައި ފޯނާއި ޓެބްތަކާއި އައިޕެޑް ފަދަ އެއްވެސް ވަސީލަތެއް ބޭނުން ނުކުރުން

- އާއިލާ އެކުގައި ހިނގާލުން ނުވަތަ ދުއްވާލަން ދިއުން

- ފެމެލީ ޕިކްނިކްސް (ގޭތެރޭގައި ނުވަތަ ގެއިން ބޭރުގައި)

- ކޮންމެ އަހަރަކު ވެސް ކުރިން ނުކުރާ އާ ކަމެއް ކުރުމަށް ކޮންމެ މެންބަރަކަށް ވެސް ޗެލެންޖްކުރުން

- އެކުގައި އެއްޗެހި ބިނާކުރުން ނުވަތަ އުފެއްދުން ( ލެގޯ، ޕަޒްލް، މެގްނެޓިކް ޓައިލްސް، ކުރެހުުން)

- ކޮންމެވެސް ކަހަލަ ކުޅިވަރެއް އެކުގައި ކުޅުން

- އެންމެން އެކުގައި ކެއްކުން ނުވަތަ ހާއްސަ ބާވަތެެއް ތައްޔާރުކުރުން

- ނިދުމުގެ ކުރިން ކުދިންނާއެކު ވާހަކައެއް ކިޔާލުން

- ހެނދުނު ހޭލުމަށްފަހު ދުވަހުގެ މަސައްކަތްތަކައިގެން ކުރިއަށް ދިއުމުގެ ކުރިން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުން

މި ހިމަނާލި ގިނަ ކަންކަމަކީ އާއިލާގެ ތެރޭގައި އެކަކު އަނެކަކާ ވާހަކަދައްކައި ހިޔާލު ބަދަލުކޮށް ގުޅިގެން ތަފާތު ކަންކަން ކުރަން އެހީވެދޭނެ ކަމެކެވެ. ހާއްސަކޮށް، އެކުގައި ހޭދަކުރާ ވަގުތުތަކަކީ އިތުރު އެހެން އެއްވެސް "ޑިސްޓްރެކްޝަން" އަކާއި ނުލައި ހަމައެކަނި އާއިލާއަށް ހުސްކުރާ ވަގުތުކޮޅަކަށް ހެދިދާނެ އެވެ. އަދި ބައެއް ކަންކަމަކީ އާންމު ބިޒީ ޝެޑިއުލުން ދުރުވެލައި، ރީޗާޖްކޮށްލައި މީހާގެ ހަށިގަނޑާއި ނަފްސަށް ވެސް ތާޒާކަމާއި އުފާވެރިކަން ގެނައުމަށް އެހީވާނެ ކަންކަމެވެ.

Popular