24 Jun 2024

ހައިޝަމްގެ ސައިކަލު ފަހަތުން އެ ފެނުނު އަންހެން ކުއްޖާގެ ހަގީގަތް އޮޅުން ފިލުވާފައި މުޅިން ޔަގީން ވީމާ އެވާހަކަ ކިޔައިދޭން ބާއްވާނީ ކަމުގައި އަޒީމާ ނިންމިއެވެ.

"ރީތި ގަމީހެއް ކަންނޭނގެ ދޭންވީ" އެ ފިހާރައިން ނުކުމެ ޝިއުނާ ބުނެލިއެވެ.

"އާނ އޭރުން މާ ރަނގަޅު ވާނެ... ހަމަ ގައިމުވެސް ބޭނުން ކުރެވޭނެއެއްނު!" އަޒީމާ އޭނާގެ އަމިއްލަ ވިސްނުމަށް ގެއްލި ހުރެ ބުނެލިއެވެ.

" ކޯޗެއް ގަތީ؟" ޝިއުނާ ގެއަށް އައުމުން އޭނާގެ މަންމަ ސުވާލު ކުރިއެވެ. އޭނާ ބާޒާރަށް ދިޔައީ ހައިޝަމް އަށް ހަދިޔާއެއް ގަންނާށޭ ބުނެފައެވެ. ޝިއުނާ ކޮތަޅު ހުޅުވާލާފައި ގަމީސް ނަގާ އޭނާގެ މަންމައަށް ދައްކާލިއެވެ. އެއީ ފެހި ކުލައިގެ ފަތްތަކެއް ޖަހާފައި ވާ ހުދު ގަމީހެކެވެ.

"ރީތި" ހުސްނާ ބުނެލިއެވެ.

އެވަގުތު އޭނާގެ ބައްޕަ ގެއަށް ވަދެގެން އައެވެ. ޝިއުނާ ވަރަށް ނޫންކަމަށް ހަދާފައި އެގަމީސް ފަތްޖަހާފައި ކޮތަޅަށް ލާން މަސައްކަތް ކުރިއެވެ.

"ތިއީ ބައްޕައަށް ގެނައި ގަމީހެއްތަ؟" ހަނީފު އޭނާގެ ދަރިފުޅާ ސަމާސާ ކޮށްލިއެވެ. އެޔާއިއެކު، މިއަދަކީ ހައިޝަމްގެ އުފަން ދުވަސް ކަމުގައި ބުނެދިނީ ހުސްނާއެވެ.

"އެހެންދޯ! .... ދަރިފުޅާ ، ބައްޕަގެ ރައްޓެހި މީހާއާއި ގުޅިއްޖެ" ހަނިފު ކިޔައިދިނެވެ. ކާފަ މިހާރު ދިރިއުޅެނީ އެރަށަކު ނޫންކަމުގައި އެމީހާ މައުލޫމާތު ދިންކަމަށް ވެއެވެ. އިބްރާހިމްބެ ހުރީ ކޮން ރަށަކުކަން އަލީ ރަޝީދު ކިޔައިދިނެވެ. އެހެންނަމަވެސް އެ މައުލޫމާތު އޭނާގެ ދަރިފުޅާ ހިއްސާކުރާކަށް ހަނީފު ބޭނުމެއްނުވިއެވެ.

"ދެން މިހާރު ކާފަ އުޅޭ ތަނެއް އިނގޭތަ؟" ޝިއުނާ ސުވާލު ކުރިއެވެ.

ހަނީފު ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ކިޔައި ނުދީފިއްޔާ އެހެން ގޮތް ގޮތުންވެސް ހޯދަން މަސައްކަތް ކުރާނެކަން އޭނާ އަށް ޔަގީންވިއެވެ.

"އޭނާ ބުނި ބަލާނަމޭ!" ހަނީފު ބުނެލިއެވެ.

"ޝުކުރިއްޔާ ބައްޕާ!"

***

އަށެއް ޖަހަންވި އިރު ޝިއުނާ ހުރީ ތައްޔާރުވެގެންނެވެ. އޭނާގެ އަތުގައި އޮތް އަޅި އާއި މަޑު ވައިލެޓް ކުލައިގެ ބޮޑެތި މާތައް ޖެހި ހެދުން ލާ އިސްތަށި ގަނޑު ފަންކޮށް ނިއުޅާލައިގެން ނުކުތްއިރު އޭނާ ހިވަނީ ޕާރޓީ އަކަށް ދާން ތައްޔާރުވެގެން ހުރި ހެންނެވެ. އޭނާ ފެނުމުން އޭނާގެ މަންމަ އެ ސުވާލު ކުރިއެވެ.

"ހައިޝަމް ގެ ބާރތުޑޭއޭ ބުނީމެއްނު! އެހެންވެ ދެމީހުން ޑިނަރ އަކަށް މިދަނީ" ޝިއުނާ އޮޅުން ފިލުވައި ދިނެވެ. އެހިނދު އޭނާގެ މަންމަ ހިނިތުންވެލިއެވެ. މަންމަގެ ފަރާތުން ހައިޝަމް އަށް އުފާވެރި އުފަންދުވަހަކަށް އެދޭ ވާހަކަ ބުނެދެއްޗޭ ބުނެލިއެވެ.

"ހާދަ ލޯތްބޭ މިރޭ!" ހައިޝަމްއައިސް އެގޭ ދޮށަށް ސައިކަލު މަޑުކޮށްލަމުން ބުނެލިއެވެ. އެޔާއިއެކު ޝިއުނާ ގޮސް ހެޕީ ބާރތުޑޭ އޭ ބުނަމުން އޭނާގެ ގައިގަ ބައްދާ ސަލާމް ކޮށްލިއެވެ.

ޝިއުނާ ހައިޝަމް ގޮވައިގެން ދިޔަ ރެސްޓޯރެންޓުގެ ގޯތި ތެރޭގައި އެމީހުންނަށް ޓަކައި އުއްބައްތި އަލީގައި ޚާއްސަ މޭޒެއް ތައްޔަރުކޮށްފައި ހުއްޓެވެ. އެއީ ޝިއުނާ ހައިޝަމް އަށްޓަކައި ދިން ސަޕްރައިޒް އެވެ. އެތަން ފެނުމުން ހައިޝަމް ވަރަށް އުފާވިއެވެ. ޝިއުނާގެ ގައިގަ ބައްދާލާފައި ލޯބިވާ ވާހަކަ ބުނެލިއެވެ. އޭރު އެގޯތި ތެރޭގައި ޖަހާފައި ހުރި ގިނަ މޭޒު ހުރީ ހުހަށެވެ. އެކަމާ ޝިއުނާ ވަރަށް ހިތްހަމަ ޖެހުނެވެ. މޭޒު ދޮށުގައި އިށީނދެ ހަމަޖެހިލާފައި ޝިއުނާ އޭނާގެ ކާފަގެ ވާހަކަ ކިޔައިދޭން ހިތަށް އެރިއެވެ. އަދި ވަރަށް ސީރިއަސް ވާހަކައެއް ދައްކަން ވެފައި އެބައޮތް ކަމުގައި ޝިއުނާ ބުނެލިއެވެ.

"ހޫމް ކޮން ވަހަކައެއް؟" ހައިޝަމް ފޯނު މޭޒުމަތީގައި ބާއްވާފައި ޝިއުނާއަށް ސަމާލުވިއެވެ.

އެޔާއިއެކު އޭނާގެ އަސްލު ކާފަ ދުނިޔޭގައި ހުރިކަން އެނގުނީ އިހަށް ދުވަހުއޭ ކިޔާފައި އެވާހަކަ ފެށިއެވެ.

އެވަގުތު މެސެޖެއް އައި އަޑު އިވުމުން ހައިޝަމްގެ ސަމާލުކަން އޭނާގެ ފޯނަށް ދިޔައެވެ. އޭނާ މެސެޖް ކިޔާލާފައި ކުޑަކޮށް ހިނިތުންވެލަމުން އެއަށް ޖަވާބު ލިޔުނު މަންޒަރު ޝިއުނާ އިނީ ބަލާށެވެ.

"ބާރތުޑޭ ވީމާ ވިޝް ކުރަން ފުރެންޑްސް މެސެޖް ކުރަނީ!" އެކަން ނިންމާލާފައި މޭޒު މަތީގައި ފޯނު ބާއްވަމުން އޭނާ ޝިއުނާއަށް ސަމާލު ވިއެވެ. އެހެންނަމަވެސް އަނެއްކާވެސް އޭނާގެ ފޯނުން 'ޓިން' އަޑު ކިޔުމާއި އެކު ހައިޝަމް ފޯނު އަތަށް ނެގިއެވެ. އެޔަށް ޖަވާބު ދީ ނިންމާފައި "ކިޔާބަލަ... ޝިއުގެ ކާކު ގުޅީއޭ؟" ހައިޝަމް އަހާލިއެވެ.

އޭރު ޝިއުނާގެ ޚިޔާލު ބަދަލުވެއްޖެއެވެ. އެއީ ވަރަށް ދިގު ވާހަކައެއް ކަމަށާއި އެވާހަކަ ދެއްކޭނީ ތަންކޮޅެއް ބޮޑަށް ގަޔާވެގެން އިންނަ ވަގުތެއްގައި ކަމުގައި ޝިއުނާ ބުނެލިއެވެ.

"ޝިއު އަށް އިނގޭދޯ މީ މަގޭ ސްޕެޝަލް ޑޭ ކަން... ފުރެންޑްސް ގުޅާނެ ކަން ... ރިޒްވީ މެން މަ ނައިސްގެން މިހާރު އެ އުޅެނީ.." ހައިޝަމްގެ ވާހަކައިން އޭނާ ކުޑަކޮށް ހިތްހަމަ ނުޖެހުނުކަން ޝިއުނާއަށް ދޭހަވިއެވެ.

"އިޓްސް އޯކޭ.. އެއީ ދެން އެހާ މުހިއްމު ވާހަކައެއް ނޫން" ޝިއުނާ ހިނިތުންވެލަން މަސައްކަތް ކުރަމުން ބުނެލިއެވެ. އެކަމަކު އޭރު ޝިއުނާ އިނީ ވަރަށް ދެރަވެފައެވެ. ހައިޝަމް އޭނާ ދެކެ އަސްލުގައިވެސް ލޯބިވޭބަވައޭ ހިތަށް އަރާފައެވެ. އޭނާ އެވަރުން ޑިނަރ ދިނީމާވެސް އެހާ އުފާވި ހެނެއް ޝިއުނާއަކަށް ހިޔެއްނުވެއެވެ. އޭނާ ދިން ގަމީސްވެސް ކުޑަކުޑަކޮށް ބަލާލާފައި އަލުން އަނބުރާ ކޮތަޅަށް ލީއެވެ. އެގަމީސް 'ސަޅި' އޭ ބުނީ ޝިއުނާ އަމިއްލެއަށް ރީތިތޯ އެހީމައެވެ. ޝިއުނާ މާޔޫސްކަމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭރުވެސް ހައިޝަމް އަށް މެސެޖް އަންނަވަރުން އާދެއެވެ. އަދި ހައިޝަމް ކެއުން ހުއްޓާލާފައި ވަގުތުން ޖަވާބު ދެމުން ގެންދެއެވެ.

ކައި ނުނިމެނީސް ހައިޝަމްގެ ކޮންމެވެސް ރައްޓެއްސަކު އޭނާގެ ފޯނަށް ގުޅިއެވެ. ބައިގަޑިއެއް ހާއިރު ފަހުން ދާނަން ކަމުގައި ބުނެފައި އޭނާ ފޯނު ބޭއްވިއެވެ.

"އައްފާލު އެ ގުޅީ... އޭނާގެ އާ ބިޓުގެވެސް ބާރތުޑޭ އޯ މިއީ... އެހެންވެ ރިޒްވީމެންވެސް އެގެއަށޯ ދާނީ!" ހައިޝަމް ކިޔައިދިނެވެ. އަދި އެއީ ހުޅުމާލޭގައި އުޅޭ ކުއްޖެއްކަމަށާއި އެންމެން އެކީގައި ހުޅުމާލެއަށް ދާން މިހާރު ތައްޔާރު ވަނީ ކަމުގައިވެސް އޭނާ ބުނެދިނެވެ.

ހައިޝަމްގެ ގިނަ ރައްޓެހިންނަކީ އޭނާ އާއި އެކީގައި މޯލްޑިވިއަން ގައި މަސައްކަތް ކުރާ ކުރޫއިން ނާއި ޕައިލެޓުންނެވެ. ރިޒްވީމެން ކަހަލަ ގާތް މީހުންނަށް ޝިއުނާ އެނގުނަސް ހައިޝަމްގެ ގިނަ އެކުވެރިންނަކާއި ޝިއުނާއާއި ދިމާވެފައި ތަޢާރަފު ވެފައެއް ނެތެވެ. އެމީހުންނާއި އެކީގައި ތަންތަނަށް ދާކަށް ޝިއުނާ އޭހާ ބޭނުމެއްވެސް ނޫނެވެ. ޝިއުނާ އަކީ އެއަށް ވުރެ ތަންކޮޅެއް ލަދުރަކި މިޒާޖެއްގެ ވެރިއެކެވެ. އެތާނގައި އުޅޭ ރީތި ރީތި އަންހެން ކުރޫއިންނާއި އަޅާ ކިޔާއިރު ޝިއުނާއަށް ލިބިފައިވަނީ ވަރަށް އާދައިގެ ސިފައެއްކަން އޭނާ އަމިއްލެއަށް ގަބޫލު ކުރެއެވެ. އެހެންކަމުން ހައިޝަމް ކަހަލަ ރީތި ޒުވާނެއްގެ ފަހަތުގައި އެމީހުންނާއި އެކީގައި ތަންތަނަށް ގޮސް ހަދަން އޭނާ އަބަދުވެސް ޖެހިލުންވެއެވެ. ހައިޝަމް ކަހަލަ ސުމާޓު ކުއްޖަކު ޝިއުނާ ކަހަލަ 'ރީތިނޫން' ކުއްޖަކާއި ރައްޓެހިވެގެން ތިއުޅެނީ ކީއްވެގެންތޯ މީހަކު ސުވާލު ކޮށްފާނެތީ އޭނާ ބިރުގަންނަނީއެވެ.

ހައިޝަމް ނާސިގޮރޭން ގެ އެއްބައި ކައިފާ ނިންމާލިއެވެ. އެހިސާބުން އޭނާ އެއިނީ ދާން ލަސްވެފައިކަން ޝިއުނާއަށް ވިސްނުނެވެ. އޭނާވެސް ފުރިއްޖެޔޭ ބުނަމުން ކެއުން ހުއްޓާލިއެވެ. އެތަނަށް އައި އިރު ޝިއުނާއަށް ވެރިވެފައިވާ އުފާވެރިކަން އޭރު މުޅިން ފިލާ ގޮސްފިއެވެ.

ގޭދޮށަށް ސައިކަލު މަޑުކޮށްލުމުން ފައބާފައި ތިދަނީ ހުޅުމާލެއަށް ދާން ދޯއޭ ޝިއުނާ ބުނެލިއެވެ.

"ހޫމް.. ޝިއު ދާނަންތަ؟" ހައިޝަމް އަހާލިއެވެ.

"ދެން ބޭނުމެއްނޫން ދާކަށް! ... މަނުގެންދާން ވެގެނެއްނު ގޭ ދޮށަށް ތިއައީ.. އެއްފަހަރުވެސް އަހާވެސް ނުލަމެއްނު ދާނަންތޯވެސް!"

ޝިއުނާ ހިތްހަމަ ނުޖެހިގެން އެގޮތަށް ވާހަކަ ދެއްކީމާ ހައިޝަމް ވެސް ހިތްހަމަ ނުޖެހުނެވެ. އޭނާއަކީ އެގަޑީގައި ހުޅުމާލެއަށް އެހާ ދާ ހިތްވާ މީހެއްނޫނެއްނޫންހޭ ބުނެލިއެވެ.

"ދަންޏާ ހިނގާ!" ސައިކަލު ދުއްވާލަން އުޅެފައި ހައިޝަމް ބުނެލިއެވެ.

ޝިއުނާ ބޯ ހޫރާލާފައި ގެއަށް ވަންނަން ހިނގައިގަތީއެވެ.

***

ހުކުރު ދުވަހުގެ ހެނދުނެވެ. ޝިއުނާ އުޅުނީ އެއްޗެތި ދޮންނަން އަޅަން ވެގެން މެޝިން ކައިރީގައެވެ. އެތާނގައި ހުއްޓާ އޭނާ މަންމަ އައިސް ބަތް ތަވާ ބަލާލައްޗޭ މިދަނީ ތެޅި މިރުސް ޕެކެޓެއް ގަންނަން ފިހާރައަށޭ ކިޔާފައި ބޭރަށް ނުކުތެވެ. ޝިއުނާ މެޝިނަށް އެއްޗެތި އަޅާލާފައި ޖައްސާފައި ކޮޓަރިއަށް ވަނީ އޭނާ ގެ ފޯނު ބަލައެވެ. އެވަގުތު ގޭ ފޯނު ވާ އަޑު އިވެން ފެށީމާ ޝިއުނާ ދުވެފައި ގޮސް ފޯނު ނެގިއެވެ.

ޝިއުނާ ހަލޯ އޭ ބުނުމާއި އެކު އެކޮޅުން އިވުނީ އޭނާ ގެ ކާފަގެ އަޑެވެ. އޭނާ އެންމެ ފުރަތަމައިނުންވެސް އެރަށަށް އަންނާނި ކޮން އިރަކުންތޯ އެއްސެވެ.

ޝިއުނާ ބުނާނެ އެއްޗެއް ނޭނގިފައި ކުޑަ އިރުކޮޅަކު ހުރެވުނެވެ. އެންމެ ފަހުން އޮފީހުން ޗުއްޓީ ލިބުނުހާ އަވަހަކަށް ދާނަމޭ ބުނެލިއެވެ. އަދި ކާފަގެ ބަލި ކިހިނެތްތޯ ސުވާލު ކުރިއެވެ.

"ކާފަ ދެކެން ބޭނުމިއްޔާ އަވަހަށް އާދޭ... އެބަހުރި މަންމަގެ އެއްޗެހިވެސް ދަރިފުޅަށް ދޭން ބަހައްޓާފައި ހުރި.."

އެއަޑު އިވުމާއިއެކު އާދަޔާ ޙިލާފު އުފާވެރިކަމެއް ޝިއުނާއަށް އިހުސާސް ކުރެވިގެން ދިޔައެވެ.

"ބައްޕަ ނުދައްކާދޯ މަންމަގެ ވާހަކައެއް؟......ޔަގީން އެކައްޗެއްވެސް ރަނގަޅަކަށް ކިޔައި ނުދޭނެކަން... އެހެންވެ މިބުނަނީ މިކޮޅަށް އަންނާށޭ! އަހަރެން މަރުވުމުގެ ކުރިން އެވާހަކަ ތައް ކިޔައިދޭން ބޭނުން!" އިބުރާހިމްބެގެ ރާގު މުޅިން ބަދަލުވެގެން ދިޔައެވެ.

"ކާފާ!" ޝިއުނާ ބުނަން ފެށިއެވެ.

"އިނގޭތަ މަންމައަށް އެހާލު ޖެއްސީ ކާކުކަން؟" ކާފަ ގެ އަޑު ވަރަށް ބާރެއެވެ. އެވަގުތު ފޯނުގެ އަތްގަނޑު ކަންފަތާ ދުރުކޮށްލަމުން ނޫނޭކޭ ބުނަން ބޭއިޚުތިޔާރުގައި ޝިއުނާއަށް ބޯވެސް ހޫރާލެވުނެވެ.

"..ހަމަ ތި ހަނީފު!" އޭނާގެ ކާފަގެ އަޑު އިވުނެވެ. އެހިނދު ޝިއުނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

"އެއީ ހަމަ ވަރަށް ނުބައި ނުލަފާ މީހެއް! މަގޭ ފަރީޝާގެ ދުވަސް ދުއްވާލީ ... ހަމަ ދުއްވާލީ!"

"ނޫން ކަފާ ތިހެން ހީނުކުރޭ.. ބައްޕަ ވަރަށް ލޯބި ވި މަންމަ ދެކެ" ޝިއުނާ އަށް އެހެން ބުނެވުނު އިރު އޭނާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ.

" ވީގޮތް ނޭނގޭތީ ތިހެން ތިބުނީ... އެހެންވެ ޔޭ މިބުނަނީ މިރަށަށް އަންނާށޭ!" ޝިއުނާގެ ކާފާ 'އަންނާށޭ' އެތަންކޮޅު ވަރަށް އަޑަށް ބާރު ލާފައި ބުނެލިއެވެ. އޭރު ޝިއުނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފަށައިފިއެވެ.

"ފަރީޝާގެ އެއްވެސް ކުށެއްނެތް!" ކާފަގެ އަޑު ވަރަށް މަޑުވިއެވެ. ޝިއުނާ އެވަގުތު ލޯ ފޮހެލިއެވެ. އެނާ ކާފައާއި އިތުރަށް ސުވާލު ކުރަން ބޭނުމެވެ. އެހެންނަމަވެސް އޭނާ އަކަށް އަނގަޔަކުން ނުބުނެވުނެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular