21 Jun 2024

މަސަތްކަތުގެ ހާސްކަމާއި މުޅި ހަފްތާގެ ސްޓްރެސްގަނޑު ފިލުވާލަން ކޮންމެވެސް ކަހަލަ މަސާޖެއް ކޮށްލަން ސްޕާއަކަށް ދިއުމަކީ ކޮށްލަން ރަނގަޅު ކަމެކެވެ. މީހާގެ މޫޑު ރަނގަޅުކޮށްލައި ވަރުބަލިކަން ފިލުވާލަން ރާއްޖޭގައި މިހާރު ރަނގަޅު ފެންވަރުގައި ކުރެވެން ހުރި ކަމެކެވެ. ނަމަވެސް މިކަހަލަ ސްޕާ ޓްރީޓްމަންޓުތަކަށް ދާއިރު މުޅި އެކްސްޕީރިއަންސް ފުރިހަމަވެ ފަސޭހަކޮށްލަދޭނެ އެއްކަމަކީ މި އެޕޮއިންޓުމަންޓުތަކަށް ދާއިރު ހެދުން އަޅާ ގޮތް ބަދަލުކޮށްލުމެވެ.

ޕެޑިކިއޯއެއް ހަދަން ނުވަތަ ފައި މަސާޖުކޮށްލަންދާ ނަމަ ސްކިނީ ޖިންސާއި މި ނޫނަސް އެހެން ފާޑުފާޑުގެ ފަޔަށް ބާރުކޮށް ހުންނަ ފަޓުލޫނާއި ޖިންސުތައް ލައިގެން ދިއުން ހުއްޓާލާށެވެ. ބައެއް ސެލޫންތަކުގައި މި ގޮތަށް ހެދުން އަޅާފައި ހުރި އެއްޗެހި ބަދަލު ކޮށްލުމުގެ ފުރުސަތު ދިނަސް ދޫ ނުވަތަ ދެމޭ ހަރުވާޅެއް ނުވަތަ ސޯޓެއް ލައިގެން ދިއުމުން މި ހުރިހާ ކަމެއް ފަސޭހަވީ އެވެ. މިއާ އެކު، ގޮނޑީގައި ހަމަޖެހިލައިގެން އިނދެވޭ، ގަޔަށް ފަސޭހަ އަރާމު ޓީޝާޓެއް ނުވަތަ ހެދުމެއް ލައިގެން ދެވޭތޯ ބެލުމުން ބޮޑަށް ރިލެކްސްވާން ފަސޭހަވާނެ އެވެ. ޕެޑިކިއޯ ނިންމާލާގޮތަށް ބޭރަށް ނުކުންނަން އެންމެ ރަނގަޅުވާނީ ބޫޓަކަށް އަރައިގެން ދިއުމުންނެވެ.

ފުލް ބޮޑީ މަސާޖަކަށްދާ ނަމަ ވިސްނާލަން ރަނގަޅު އެއް ކަމެއް އެބައޮތެވެ. މަސާޖަށް ފަހު ވެސް ބޯ ހަމަޖެހިފައި އެ ހުރި ގޮތަށް ހުރެވޭނެ ފަދަ ގޮތަކަށް ހެދުން އަޅާލައިގެން ދިއުމެވެ. މިކަމަށް އެންމެ ރަނގަޅު އެއް އައުޓްފިޓަކީ ސްވެޓްޕޭންޓަކާއި ޓީޝާޓެއް ނުވަތަ ހުޑީއެކެވެ. ކޮންމެ ކަހަލަ މަސާޖެއް ނަގަން ދިޔަޔަސް މާ ބައިވަރު ގަހަނާތައް ކަރާއި ފަޔާއި އަތުގައި ނުބެހެއްޓުން ރަނގަޅުވާނެ އެވެ. ސަބަަބަކީ މި އެއްޗެހި އަޅައިގެން ރަނގަޅަށް އެ ޓްރީޓްމަންޓެއްގެ އަސަރު ނުކުރުމެވެ. ނުވަތަ ސެލޫނަށް ގޮސް މި ހުރިހާ ގަހަނާތަކެއް ނެގުމަށް ކުރަން ޖެހޭ މަސަތްކަތްގަނޑު މާ ބުރަވާނެ އެވެ.

Popular